އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެ އިން ބޭރުގައި ތިން އަހަރެއްހާ ދުވަހު އުޅުއްވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކަށް އާޓިފިޝަލް ބީޗުގައި ހުރި ވެހިކަލްތައް ހުސްކުރަން އަންގައިފި އެވެ.

ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ނޮވެމްބަރު އެކެއްވާ ބުރާސްފަތި ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓަކަށް ތަން ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ހުރިހާ ވެހިކަލެއް ވީ އެންމެ އަވަހަކަށް ނެގުމަށް އެދޭ ކަމަށެވެ.

އާޓިފިޝަލް ބީޗް ހުސްކުރުމަށް ފުލުހުން އަންގާފައި މިވަނީ، އެ ސަރަހައްދު ތަރައްގީ ކުރުމަށް އެ ތަނުގައި ހުރި ވެހިކަލްތައް ނެގުމަށް މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީން އިއުލާނެއް ވެސް ކޮށްފައި ވަނިކޮށެވެ. ނަމަވެސް ހައުސިން ގެ އިއުލާނުގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ކުރިން އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ނެގުމަށެވެ.

އާޓިފިޝަލް ބީޗް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ތެރޭގައެވެ. މި މަޝްރޫއަށް 13 މިލިއަން ރުފިޔާ ހަރަދު ވާނޭ ކަމަށް ހައުސިން މިނިސްޓްރީ އިން އޭރު ވަނީ ބުނެފައެވެ.

ނަޝީދު މާދަމާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޓެރެރިޒަމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ވަކިގޮތެއް ކަނޑައަޅަންދެން ތަންފީޒުކުރުން ފަސްކުރުމަށް ކަމާބެހޭ އިދާރާތަކަށް އަމަރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ނަޝީދުގެ މައްސަލާގައި ނިންމެވި ނިންމުމަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔާފަ އެވެ.

ނަޝީދު މާލެ ވަޑައިގަންނަވާތީ އެމްޑީޕީ އިން ދަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ.