ރާއްޖޭގެ އެކި ރައްތަކުން އެއްރަށް އަނެއް ރަށަށް ރުއްގަސް ބޭރުކުރުމުގައި ތަފާތު އެކި އުކުޅުތައް ބޭނުންކުރަމުންގެންދާ ކަމަަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރުއްގަސް ފަދަ ތަކެތި އެކި ރަށްރަށް ގެންދިއުމުގައި އެކަން ކުރަން އުޅޭ ބަޔަކު ވަރަށް ފަސޭހައިން ރާވައިލައިގެން ކަމަށެވެ.

"މިސާލަކަށް މިސްކިތެއް އަޅަން. ފުޓްބޯޅަ ދަނޑެއް އަޅަން. މަދަރުސާއެއްގް ކްލާސްރޫމްތަކެއް އަޅަން. މިކަހަލަ ނަންމުގައި މި ބިން ސާފުކުރެވެނީ. މިސްކިތް އެޅުމުގެ ނަމުގައި އެބަހުރި 6000 އަކަ ފޫޓުގެ ބިން ނަގާފައި. ދެން އެތަންތަނުގައި މި އަޅަނީ ދެން 200 އަކަފޫޓުގެ ކުދިކުދިން މިސްކިތް. ދެން ބުނަނީ ފަހުން މިސްކިތުގެ ޖާގަ ބޮޑުކުރަން ވެއްޖިއްޔާ ގޯތީގައި އިތުރު ޖާގަ ބޭނުންވެދާނެ ކަމަށޭ،" ޒާހިރު ވިދާޅުވިއެވެ.

ނަމަވެސް ހަގީގަތުގައި އެންމެ ފުރަތަމަވެސް އެތަނުގައި ހުންނަ ރުއްގަސްތައް ސާފުކުރާކަމަށާއި އަދި އެކަން ކުރަނީ ކޮންމެވެސް ރިސޯޓަކުން ނުވަތަ ބިމެއް ހިއްކައިގެން ރިސޯޓް ހަދަން ވިޔަފާރުކުރާ ފަރާތްތަކުން ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

"އެމީހުން އައިސް މިބުނަނީ ތިމަންނަމެން މި ރަށުގެ ސްކޫލަށް ކޮމްޕިއުޓާ ލެބެއް ހަދިޔާ ކުރާނަމޭ. ތިމަންނަމެން މިރަށުގެ ސްކޫލުގައި ކްލާސްރޫމް ބަރިއެއް އަޅާދޭނަމޭ. މިރަށުގެ ފާހަނާ ހޮޅި ރަނގަޅު ކޮށްދޭނަމޭ. މިރަށުގެ މައި ތޮށި ރަނގަޅު ކޮށްދޭނަމޭ،" ޒާހިރު ވިދާޅުވިއެވެ.

އެގޮތުން އެފަދަ އުކުޅުތައް ބޭނުންކޮށްގެން ބ. ގޮއިދޫގެ ބޮޑު ވާއެއްކޮށް ސާފުކޮށްލައިފައިވާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ރުއްގަސްތައް ގެންދާކަމުގެ ޝަކުވާ ލިބިގެން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ކަންތައް ހުއްޓުވަން މަސައްކަތްކުރުމުން އެ ފަދަ ރުއްތައް ފޮރުވަން ބައެއް ފަޅުރަށްރަށުގައި ބިން ކޮނެ ވަޅުލަމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ބައެއް ކައުންސިލްތަކުންވެސް ގަވައިދާ ހިލާފަށް ރުއްގަސް ބޭރުކުރުމުގައި މަަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ބަނދަރުމައްޗާއި ހޭޅިފަށުގައި ހުންނަ ގަސްތައް ބޭރުކުރާތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްކަލަ ގަސްތަކުގައި ހުންނަ އޮފިތަކުގައި ވެލި ބަނދެފައި އެ އެއްޗެތި އެބަ ކަނޑާ ބޭރުކުރޭ. ދެން އެކަން ނުކުރާށޭ ބުނީމާ މި ހަދާގޮތަކީ ކޮންމެވެސް ހުސް ބިމަކަށް އެއެއްޗެތި ޖަމާކޮށްފަ މިބުނަނީ ނާސަރީގައޭ އެ އެއްޗެތި އެހުރީ. ދެން ޖެހިގެން އިންނަ ހަފްތާގައި ބެނާ ދަމާފައި މިބުނަނީ މިއަދު މީ މިރަށުން މަގޫ ގަސް ބޭރުކުރާ ދުވަސް،" ޒާހިރު ވިދާޅުވިއެވެ.