ވޮޝިންޓަން (ނޮވެމްބަރު 7): އެމެރިކާގައި އިއްޔެ ބޭއްވި މިޑްޓާމް އިލެކްޝަންސްގައި އެގައުމުގެ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް މުސްލިމް ދެ އަންހެނަކު އިންތިހާބުވެއްޖެ އެވެ.

އެއީ މިޝިގަންގެ 13 ވަނަ ޑިސްޓުރިކްޓުގެ އިންތިހާބު ކާމިޔާބު ކުރި، ސޯމާލިއާއަށް އުފަން އިލްހާން އުމަރާއި މިނިސޯޓާގެ ފަސް ވަނަ ޑިސްޓުރިކްޓުގެ އިންތިހާބު ކާމިޔާބު ކުރި ރަޝީދާ ތަލީބެވެ. އެދެމެމްބަރުންވެސް ވާދަ ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ.

މީގެ ކުރިން އެމެރިކާގެ ކޮންގްރެސްއަށް އިންތިހާބުވެފައި ވަނީ އެންމެ ދެ މުސްލިމުންނެވެ. އެއީ ކީތު އެލިސަން އާއި އިންޑިއާނާގެ މެމްބަރު އަންޑްރޭ ކާސަން އެވެ.

މުސްލިމް ދެ އަންހެނަކު އެމެރިކާގެ ކޮންގްރެސްއަށް އިންތިހާބުވެފައި ވަނީ އެގައުމުގައި މުސްލިމުންނާ ދެކޮޅަށް އަޑު އުފުލުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕުތަކުން ބުނާ ގޮތުގައި އެފަދަ ހިޔާލުތައް އެންމެ ގިނައިން ފަތުރަނީ މީޑިއާއިންނާއި ސިޔާސީ ފަރާތްތަކުންނެވެ.