ލަންޑަން(ނޮވެމްބަރު 13): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާ ބެހޭ މަޝަވަރާތައް އޮތީ އެންމެ ފަހު ސްޓޭޖުގައި ކަމަށް ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

ލަންޑަނުގެ މޭޔަރު ދެއްވި ޖާފަތެއްގައި ވާހަކަ ދައްކަވަމުން މޭ ވިދާޅުވީ ބްރެގްޒިޓްގެ މަޝްވަރާތައް ވަރަށް ބުރަ ކަމަށެވެ. ނަމަވެސް އީޔޫ އާއި އިނގިރޭސިންވެސް ދަނީ އެއްބަސްވުމަކަމަށް އައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމުން (އީޔޫއިން) ވަކިވުމުގެ މަޝްވަރާތައް އޮތީ އެންމެ ފަހު ސްޓޭޖުގައި. އަޅުގަނޑުމެން ދަނީ ވަކިވުމުގެ އެއެއްބަސްވުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ވަރަށް ބުރަކޮށް، ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން. ދެ ފަރާތުންވެސް އެއްބަސްވުމަކަށް އަންނަން ބޭނުންވޭ ނަމަވެސް މިމަޝްވަރާ ކުރަނީ ވަރަށް އުނދަގޫ ކަންތައްތަކެއް،" މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ވަނީ ބްރެގްޒިޓާއިގެން ކުރިއަށް ދިޔުމަށެވެ. އަދި އެކަމަނާ އަމަލު ކުރައްވާނީ އިނގިރޭސިން ވޯޓު ދިން ގޮތަށެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017އިގަ އެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ. އަދި މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 29ގައި އެގައުމު އީޔޫން ވަކިވުމަށެވެ.