ރާއްޖޭގައި މަތީތައުލީމު ހާސިލްކުރާ މީހުންގެ ތެރެއިން ރާއްޖޭގައި ތިބެގެން ޑިގްރީއަށް ކިޔަވާ މީހުންނަށް ހިލޭ ކިޔަވައިދިނުމަށް އާ ސަރުކާރުގެ ބަޖެޓުގައި 50,000,000 ރުފިޔާ ހިމަނައިފިއެވެ.

ސަރުކާރުން އެހީދީގެން ރާއްޖޭގައި ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަކި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ފަސްޓް ޑިގްރީއަށް ކިޔަވާ މީހުންގެ ޓިއުޝަން ފީއަށް 2020 އަދި 2021 ވަނަ އަހަރު 175,000,000 ރުފިޔާ ހަރަދު ވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ޖީސީއީ އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަޝިޕުގައި ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ދިނުމަށް 40,000,000 ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މިހާރު ރައީސްގެ ސކޯލާޝިޕްގެ ދަށުން މަތީތައުލީމުގެ ފުރުސަތު ލިބެނީ އޭލެވެލްގެ ފަސް މާއްދާއިްނ އޭ ސްޓާ ހޯދާ ކުދިންނަށެވެ.

މިއަދު ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަހަރަކު 60 އެމް.ބީ.ބީ.އެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓު ޑޮކްޓަރުން ބިނާކުރުމަށް ޓިއުޝަން ފީ ސްކޮލާރޝިޕް ދިނުމަށް އަންނަ އަހަރު 24,672,000 ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފައެވެ. މިކަމަށް 2020 ވަނަ އަހަރު 49,343,999 ރުފިޔާ އަދި 2021 ވަނަ އަހަރު 74,015,999 ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.