15 Nov 2018, 08:41
އިސްރާއިލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން އައި ހަމަލާތައް ހުއްޓާލައި، ހަމާސް ޖަމާއަތާއެކު ސުލްހައިގެ އެއްބަސްވުން ގާއިމްކުރުމާ ގުޅިގެން، އިސްރާއިލްގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލިބަމޭން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވުމަށްފަހި ލިބަމޭން ވިދާޅުވީ އިސްރާއިލުން ހަމާސް ޖަމާއަތާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރުމަކީ، ޓެރަރިސްޓުންނަށް އަމާންދިނުން ކަމަށެވެ.
ލިބަމޭން ވަނީ ހަމާސް ކޮންޓްރޯލް ކުރަމުންގެންދާ ޣައްޒާއަށް ގަތަރުން 15 މިލިއަން ޑޮލަރު ދިނުމުން އެކަމާވެސް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފައެވެ. އަދި އެ ފައިސާ ލިބޭނީ " ޓެރަރިސްޓުންގެ" އާއިލާތަކަށް ކަމަށްވެސް ލިބަމޭން ވަނީ ސިފަކުރައްވައިފައެވެ.
ލިބަމޭން އިސްތިއުފާ ދެއްވުމާ ގުޅިގެން ހަމާސްއިން ބުނީ މިއީ އެ ޖަމާއަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭގެން އެނގިގެންދަނީ ފަލަސްތީނާ ހަނގުރާމަކުރުމަށް އިސްރާއިލުން ނުކުޅެދިފައިވާކަން ކަމަށްވެސް ހަމާސްއިން ބުންޏެވެ.
އިސްރާއީލު ސިފައިންގެ ބަޔަކު ހޯމަދުވަހު ސިއްރުން ޣައްޒާއަށް ވަދެ އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލި އޮޕަރޭޝަންގައި ފަލަސްތީނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ ކޮމާންޑަރު މަރުވުމުން އެ ބާރުތައްވަނީ ޣައްޒާއިން ފައިބައިފައެވެ. އެއަށްފަހު ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ޣައްޒާގެ ކައިރީގައިވާ ޔަހޫދީ އާބާދީތަކަށް 300 އަށްވުރެ ގިނަ ރޮކެޓް ހަމަލާދީ އިސްރާއީލު ހީނުކުރާ ވަރުގެވަރުގަދަ ރައްދެއް ދީފައެވެ.
މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ 19 މީހުން ޒަޚަމްވެފައިވާއިރު ޔަހޫދީ ވަޒަންވެރިންގެ އެތަށް ގެއެއްވަނީ ރޮކެޓް އެރުމުގެ ސަބަބުން ހަލާކުވެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާގެ ވިހި ތަނަކަށް ފައިޓަރޖެޓުން ޙަމަލާދީ ޣައްޒާގައި ހުންނަ ޙަމާސް ޖަމާއަތުގެ ޓީވީ ސްޓޭޝަން ކަމަށްވާ އަލްއަގްސާ ޗެނެލްގެ އިމާރާތްވެސް ބިމާ ހަމަކޮށްލާފައެވެ.
ނަމަވެސް އޭގެ ދެތިން ގަޑީއިރު ފަހުން ބިމު އަޑީގެ ބިންގަރާހެއްގައިވާ ހަމާސްގެ ޓީވީ ސްޓޭޝަނަކުން އަލުން ވަނީ އަލްއަގްސާ ޓީވީގެ ނަމުގައި ޓެލެކާސްޓް ކުރަން ފަށާފައެވެ.