ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެގެން ތަކުރާރުކޮށް ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނިކޮށް، ޝަރުއީ ދާއިރާއަށް ފާޑުކީކަމަށް ބުނެ އަނެއްކާވެސް އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލަ މިފަހަރު ރާއްޖެ ޓީވީއާ އެއްކޮޅަށް ބްރޯޑްކޮމްއިން ނިންމައިފިއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު، ބްރޯޑްކޮމްއަށް ހުށަހެޅި މައްސަލައެއްގައި ބުނެފައި ވަނީ، 2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެޓީވީއިން ގެނެސްދީފައިވާ “ފަށާއިރު” ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

"ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމަތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށް" ފާހަކުރެވިފައިވާކަމަށްވެސް ޝަކުވާގައިވެއެވެ.

މި މައްސަލަ ބެލުމަށް ފަހު، ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނީ، "“ރާއްޖެ ޓީވީ”ގެ “ފަށާއިރު” ޕްރޮގްރާމްގައި ގެނެސްދިން ކޮންޓެންޓްގައި ވާހަކަ ދެއްކެވި ޕްރެޒެންޓަރު ވާހަކަ ދައްކަވާފައި ވަނީ ޖުމްލަގޮތެއްގައި ދެ ކަމެއްގެ މައްޗަށްކަމަށެވެ. އަދި އެ ވާހަކަތަކަށް ބަލާއިރު، އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (1)، (2)، ދެވަނަ ހަމައިގެ (1)، (2)، ތިންވަނަ ހަމައިގެ (1) އަދި ފަސްވަނަ ހަމައިގެ (1)، (2) އާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، "މި މައްސަލައާ ގުޅޭ ކޮންޓެންޓްގައި ވާހަކަ ދެއްކެވި ޕްރެޒެންޓަރު ވާހަކަ ދައްކާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް" ވަނީ ކަނޑައަޅައިފައެވެ.

ރާއްޖެ ޓީވީއާ ދެކޮޅަށް ހުށަހެޅި ޝަކުވާގެ މައްސަ ތަހުގީގުކޮށް، އެޓީވީއާ އެއްކޮޅަށް މިފަހަރުގެ މައްސަލަ ނިންމާފައި ވަނީ، މި މައްސަލަ ބެލި، ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބްރޯޑްކޮމް އިން ވަނީ، ރާއްޖެ ޓީވީ އެކި ފަހަރު މަތިން ޖުމްލަ 1.7 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ ވަނީ ބްރޯޑްކޮމްއަށް ދައްކައިފައެވެ. އަދި މިއަހަރުގެ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހު ބްރޯޑްކޮމްއިން ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.