ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަގާމުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފިއެވެ.

ރިޔާޒް ވިދާޅުވީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރުކަމުގެ މަގާމަށް އޭނާ އިންތިހާބުވުމާ ގުޅިގެން ކަމަށެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަޤާމަށް ރިޔާޒު އައްޔަން ކުރެއްވީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

މީގެ ކުރިން، ޖޭޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވީ ގާސިމް އިބްރާހިމެވެ. އެހެން ނަމަވެސް ގާސިމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އޭނާ ވަނީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެ މަގާމަށް ރިޔާޒް އިންތިހާބު ކުރީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭޕީ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބުގައެވެ.

ރިޔާޒު ކުރިން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައެވެ. ނަމަވެސް ޖަލު ބަންދުގައި ހުއްޓައި އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފައެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޖޭޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަން ކުރައްވާފަ އެވެ.

އެޑްވައިޒަރު ކަމުން ރިޔާޒު އިސްތިއުފާ ދެއްވާފައިވާ އިރު މިހާރު ގާސިމްގެ އެޑްވައިޒަރުގެ މަޤާމުގައި ތިއްބަވާނީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.