އަންކަރާ (ނޮވެމްބަރު 21) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަނިޔާވެރި ގޮތަކަށް އަވާހާރަކޮށްލި ޖަރީމާއާމެދު އެމެރިކާ އަޅާނުލާ މަންޒަރު ފެންނަ ކަމަށާއި އެކަމުގައި އެމެރިކާ ކުޅެނީ ކުޅިވަރެއް ކަމަށް ތުރުކީން ތުހުމަތުކޮށްފި އެވެ.

ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ނައިބު ރައީސް ނުއުމާން ގުރްތަލްމޫޝް ވިދާޅުވީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި އެމެރިކާ ސީރިޔަސް ނޫންކަމަށާ އެމެރިކާގެ މަސްއޫލުވެރިން މިކަމުގައި ވާހަކަ ދައްކަވަނީ އެކިފަހަރު އެކި ގޮތަށް ކަމުގަ އެވެ. ގުރްތަލްމޫޝް މިހެން ވިދާޅުވީ ހާޝުގްޖީގެ މަރުގެ ފަހަތުގައި ހުންނެވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނާ ކަމަށް ޝައްކު ކުރެވުނު ނަމަވެސް، ސައޫދީއާއެކު އެމެރިކާ ބާއްވާ ޚާއްސަ ގުޅުންތައް މުސްތަގްބަލްގައި ވެސް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުންނެވެ. ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ހަގީގަތް އަދި ސާފުނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ސައޫދީއަކީ މުހިއްމު ގައުމެއް ކަމަށާ އަދި އީރާނާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ވެސް ސައޫދީގެ އެހީތެރިކަމާއި އެއްބާރުލުން މުހިއްމު ކަމުގައެވެ. އަދި ސައޫދީ އަކީ އެމެރިކާގެ ހަތިޔާރުގެ ވަރަށް ބޮޑު މާކެޓެއް ކަމަށާއި އެމެރިގެ ހަތިޔާރު ގަތުމަށާއި އެމެރިކާގައި އިސްވެސްޓް ކުރުމަށް 460 ބިލިޔަން ޑޮލަރު ޚަރަދުކުރަން ސައޫދީން އެއްބަސްވެފައިވާކަން ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

ތުރުކީގެ "ޓީއާރުޓީ" ނިއުސް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ގުރްތަލްމޫޝް ވިދާޅުވީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި އުޅުނު ބުޅާތަކުގެ ކުލަތައް ވެސް އެނގޭ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) ދައުވާކުރާއިރު ޚާޝުގްޖީ އަވަހާރަކޮށްލުމާ ބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމުންވެސް އެޖަރީމާ ހިންގުމަށް އަމުރުކުރި މީހަކު ކަނޑައަޅައި އެމީހެއްގެ ނަން ބުނަން އެ އިދާރާއަށް ނޭންގުމަކީ އެމެރިކާގެ އާންމުން ވެސްގެ އިތުރުން ދުނިޔެ ވެސް ގަބޫލުކުރާނެ ކަމެއް ނޫންކަމުގަ އެވެ.

ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލް ޚާޝުގްޖީ އަވަހާރަކޮށްލުމަށް އަމުރުކުރެއްވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އަށް ގާތްގަނޑަކަށް ޔަގީން ކުރެވޭކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޓައިމްސް" ބުނެ އެވެ. ނަމަވެސް ސީއައިއޭން ސީދާ ގޮތެއްގައި މިހެން ބުނެފައެއް ނުވެއެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާއާ މުހައްމަދު ބިން ސަލްމާން އާ ގުޅުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޖުބައިރު ވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ޒާތާ ބެހުމަކީ ސައޫދީގެ ރަތްރޮނގު ހުރަސްކުރުން ކަމަށާއި އެކަމަށް ފުރްސަތު ނުދޭނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. (އަލްޖަޒީރާ+ އަނަތޯލިޔާ)