22 Nov 2018, 09:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލުނުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު އިންޑިއާގެ ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ގެންގުޅުނު ޕޮލިސީ ތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވި ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރަހައްދުގެ ސަލާމަތަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމަށާއި ރާއްޖެއަށް އޮތް އެންމެ ރައްކާތެރިގޮތަކީވެސް އަވައްޓެރިގައުމުތަކުގެ ސަލާމަތްކަން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާ އާއެކު އިގްތިސާދީ ގުޅުން ވަރުގަދަކުރިނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެންމެ އިސްކަންދޭނީ އިންޑިއާއާއެކު ގުޅުން ވަރުގަދަކުރުމަށް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
"މިހާރުވެސް ސަރުކާރުން ނިންމާފައިވަނީ އިންޑިއާއާއެކު މަސައްކަތް ކުރަން ކުރިއަށްވުރެ ބޮޑަށް. ޒަމާނުއްސުގެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ބަދަހިކުރަން މި ސަރުކާރުން އިސްކަންދޭނަން. ރައީސް ޞާލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ބައިވެރިވެ ވަޑައިގަތުމަކީ އެކަމުގެ ފެހި ސިގްނަލެއް،"
މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިއާގެ އެހީ ބޭނުންކަމަށެވެ.
"ޒަމާނުއްސުރެ އިންޑިއާއަކީ ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ބައިވެރިއެއް. ހައުސިން އާއި އިގްތިސޯދު އަދި ސިއްހީ ދާއިރާއިންވެސް ގުޅުން ބަދަހިވުން އުއްމީދަކީ،"
އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް އުފެދިފައިވާނަމަ މިސަރުކާރުން އެކަން ރަނގަޅު ކުރާނެ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް ކުރީ ސަރުކާރުން އަންގާފައިވީނަމަވެސް އެތަކެތި އަނބުރާ ފޮނުވާނުލަން ރައީސް ޞާލިހުގެ ސަރުކާރުން ނިންމާފައިވާކަމަށާއި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ވިސާގެ މައްސަލަ ސަރުކާރުން ހައްލުކޮށްދޭނެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެ އިންޑިއާ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަށް މިނިސްޓަރު ޝާހިދު އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެއެވެ. ޗައިނާ އާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެގައުމަށް ދަތުރުފުޅެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.