22 Nov 2018, 12:08
ބިޑް ނުކޮށް ޓޫރިޒަމަށް ރަށްތައް ދޫނުކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބިޑް ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ޕީޕީއެމް އިން އިސްނަގައިގެން 2016 ވަނަ އަހަރު އެވެ. މިހާރު އެ ގާނޫނު އިސްލާހު ކުރަން ވެސް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ 5 ވަނަ މާއްދާ އެވެ.
ރިފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށެއް، ބިމެއް، އަދި ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ ގާނޫނު އެގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށާއި އެކަމާ އެތައް ބަޔަކު ކަންބޮޑުވާ ކަމަށް އެ އިސްލާހުގައިވެ އެވެ.
ރިފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑަޅައި އުސޫލުތަކެއް މަތިން ކަމަށާއި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށެވެ.
މީގެ އިތުރުން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަދަދާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު ޓޫރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހޭނެ ކަމަށާއި ރައީސް އޮފީހުގެ ހުއްދައާ އެކު ޓޫރިޒަމް މިނިސްޓްރީއަށް އެ ލިސްޓަށް ބަދަލު ގެނެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވި އެވެ. އަދި އެކަމާ ވެރިކަން ކުރާ ކޯލިޝަނުން ދެކޮޅު ހެދި އެވެ. މިހާރު މަޖިލީހުގައި މެޖޯރިޓީ އޮތީ ކޯލިޝަނުގައި ކަމަށް ވުމުން އެ ބިލު ފާސް ވާނެ ކަމަށް ބެލެވެ އެވެ.