އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ މޮޅުވި އިރު، ލީގަށް ވާދަ ކުރަމުން އަންނަ ޗެލްސީ ބަލިވެ ފަހަތަށް ސޮއްސާލައިފި އެވެ.

އިއްޔެ ލިވަޕޫލް ވަނީ ވަޓްފޯޑާ ދެކޮޅަށް ނުކުމެ 3-0 ގެ ނަތީޖާއިން ކުރި ހޯދައިފަ އެވެ. ސިޓީ ވަނީ 4-0ގެ ނަތީޖާއިން ވެސްޓް ހޭމް ބަލިކޮށްފަ އެވެ. އެހެން ނަމަވެސް، ރޭ ޗެލްސީ ވަނީ ވާދަވެރި ޓޮޓެންހަމް އަތުން 3-1 ގެ ނަތީޖާއިން ބަލިވެފަ އެވެ.

މި ނަތީޖާތަކާ އެކު ލީގުގެ އެއްވަނައިގައި 35 ޕޮއިންޓާ އެކު މިވަގުތު އޮތީ ސިޓީ އެެވެ. ދެވަނައިގައި ލިވަޕޫލް އޮތީ 33 ޕޮއިންޓާ އެކު އެވެ. ރޭ ޗެލްސީ ބަލި ކުރުމަށް ފަހު ޓޮޓެންހަމް ވަނީ ލީގުގެ ތިންވަނައަށް ޖެހިލައިފަ އެވެ. އެ ޓީމަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ޗެލްސީ ހަތަރު ވަނައަށް ސޮއްސާލާފައި ވާ އިރު އެ ޓީމަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެފައި ވާ އާސެނަލް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

އިއްޔެ ލިވަޕޫލް އާއި ވަޓްފޯޑް ބައްދަލު ކުރި މެޗުގައި ލިވަޕޫލްއަށް ފުރަތަމަ ގޯލު ޖަހައިދިނީ، މެޗުގެ 67 ވަނަ މިނެޓުގައި މިސްރުގެ އިތުބާރު ފޯވަޑް މުހައްމަދު ސަލާހު އެވެ. އެއީ އޭނާ މިފަހަރުގެ ލީގުގައި ކާމިޔާބު ކުރި ހަތްވަނަ ގޯލެވެ. ލިވަޕޫލްއަށް ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ޓްރެންޓް އެލެކްސޭންޑާ އާނޯލްޑެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ތިންވަނަ ގޯލު ޖަހައިދިނީ ރޮބާޓޯ ފާމިނިއޯ އެވެ.

ސިޓީއާ ވެސްޓް ހޭމް ބައްދަލު ކުރި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިތުބާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. އަދި އޭގެ އަށް މިނެޓު ފަހުން ރަހީމް ސްޓާލިން ވަނީ ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. ސިޓީގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ލިރޯއީ ސާނޭ އެވެ. އޭނާ ފުރަތަަމަ ގޯލު 34 ވަނަ މިނެޓުގައި ކާމިޔާބު ކުރި އިރު ދެވަނަ ގޯލު ކާމިޔާބު ކުރީީ މެޗުގެ 90 މިނެޓުގެ ކުޅުން ނިމުމުން ދިން އިތުރު ވަގުތުގެ ތެރޭގަ އެވެ.

ޗެލްސީއާ ޓޮޓެންހަމް ބައްދަލު ކުރި މެޗުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ މެޗުގެ އަށް ވަނަ މިނެޓުގައި ޑެލޭ އަލީ އެވެ. އަލީގެ ގޯލަކީ ބޮލުން ކާމިޔާބު ކުރި ގޯލެކެވެ. އެއަށް ފަހު މެޗުގެ 16 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ދުރުން ބާރު ޝޮޓެއް ފޮނުވާލައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ޓޮޓެންހަމްގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހިއުން މިން އެވެ. ސޮންގެ ގޯލަކީ ހާފުގެ މެދު ތެރެއިން ބޯޅައާ އެކު ދުވެ، އޭރިއާގެ ތެރެއަށް ވަދެ ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ. މެޗުގައި ޗެލްސީގެ ހަމަ އެކަނި ގޯލު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އޮލިވިއޭ ޖިރޫ އެވެ. ޖިރޫ ގޯލް ކާމިޔާބު ކުރީ 85 ވަނަ މިނެޓުގަ އެވެ.

ލީގުގައި ދެން ސިޓީ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. އަދި ޗެލްސީ ފުލަމްއާ ދެކޮޅަށް ނުކުންނަ އިރު ލިވަޕޫލް ނުކުންނާނީ ވާދަވެރި އެވަޓަންއާ ދެކޮޅަށެވެ.