ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ތަން ނުދޭތީ، މިއަދަށް ހައިކޯޓުގައި ތާވަލު ކުރި، އޭނާގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފިއެވެ.

އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމް އިއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އައިއީޑީއެއް ގޮއްވައިލި މައްސަލައިގައެވެ. 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު ހައި ކޯޓުގައި މިއަދު ބާއްވަން އުޅުނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

އަދީބުގެ ކިޑްނީގައި ހިލަކޮޅެއް އުފެދުމުން އެކަމަށް ފަރުވާ ހޯދުމަށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ އެޑްމިޓް ކޮށްފައެވެ. އަދި އެ ހިލަކޮޅު މުގުރާލުމަށް މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ވަނީ އޮޕަރޭޝަން ވެސް ކޮށްފައެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު "ސަން" އަށް ވިދާޅުވީ، އޮޕަރޭޝަނަށް ފަހު އަދީބުގެ ހާލުކޮޅު ރަނގަޅު ނުވާ ކަމަށާއި، އޭނާ އޮންނެވީ ވަރަށް ބޮޑަށް ހުން އައިސްފައި ކަމަށެވެ. އަދި ފަރުވާއަށް އެންޓިބައޮޓިކްސް ވެސް ދެމުން އަންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެހެން ކަމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރީ އަދީބުގެ ފަރާތުން އަޑުއެހުން ކެންސަލް ކުރަން އެދިގެން ކަމަށް ސިރާޖު ވިދާޅުވިއެވެ.

އަދީބަށް ލިބެން ޖެހޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް އަދީބުގެ ފަރާތުން ވަނީ މީގެ ކުރިން އެޗްއާރްސީއެމްއަށް ވެސް މައްސަލަ ހުށަހަޅައިފައެވެ. އެޗްއާރްސީއެމްއިން ވަނީ އެކަމާ ގުޅިގެން އަދީބުގެ ބަޔާނެއްވެސް ނަގާފައެވެ.

ސިރާޖު މިއަދު ވިދާޅުވީ، އަދީބު ގޭ ބަންދަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް އެޗްއާރްސީއެމް އިން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ޑޮކްޓަރުން ވެސް ލަފާ ދެނީ އޭނާ ގޭބަންދަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، އޭނާއަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.