25 Nov 2018, 11:54
ދިވެހި ކްލަބުތަކަށް އޭފްސީ ކަޕުން ފުރުސަތު ގެއްލުނު ގޮތް ހޯދުމަށް ކޮމިޓީއެއް އެކުލަވާލައްވަން ނިންމަވާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
އޭޝިއާގެ ފުޓުބޯޅައިގެ ދެވަނަ ފަންތީގެ ގައުމުތަކުގެ ކްލަބުތައް ކުޅޭ، އޭއެފްސީ ކަޕުގައި ކުޅުމަށް މީގެ ކުރިން ރާއްޖޭގެ ދެ ކްލަބަކަށް އައީ ފުރުސަތު ދެމުންނެވެ. އެހެންނަމަވެސް، މި އަހަރު އެ ފުރުސަތު ގެއްލުނީ އޭއެފްސީން ދޫކުރާ ކްލަބް ލައިސަންސް ހޯދުމަށް ކްލަބްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމުން ކަމަށް އެމްއޭއެމް އިން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، ފުޓުބޯޅަ އަކީ ދައުލަތުން ބޮޑު ހަރަދެއް ކުރާ ކުޅިވަރެއް ކަމަށެވެ. އަދި އޭއެފްސީ ކަޕުން ދިވެހި ކްލަބުތަކަށް ޖާގަ ގެއްލުނު ގޮތް ބަލައި، އިސްލާހު ކުރެވެން ހުރި ކަންތައްތައް އިސްލާހު ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.
މަހްލޫފު ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ދާނީ އެފްއޭއެމް އާއި ކްލަބުތަކުގެ ބައިވެރިވުމާ އެކު ކަމަށެވެ.
Futuboalha akee dhaulathun bodu heydhaeh kuraa kulhivarakah vefai,AFC Cup ga kulhumuge furusathu gelligen gosfaivaathee,medhuverivi sababu balaa adhi islaah kuranjehey kankan belumah committee eh ekulavaalan ninmaifin.Ekan kuriah dhaanee@MaldivesFA& Club thakuge baiverivumaaekupic.twitter.com/8lfISlwle4
— Ahmed Mahloof (@AhmedMahloof)November 25, 2018
ކްލަބު ލައިސެންސް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އިތުރު ފުރުސަތެއް ހޯދުމަށް އެފްއޭއެމް އިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ދިވެހި ކްލަބުތަކާ ނުލައި އަންނަ އަހަރުގެ މުބާރާތުގެ ގުރުއަތުލުން ވެސް ވަނީ ބާއްވާފައެވެ.
ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ދިވެހި ކްލަބުތަކުން ވާދަކުރަމުން އަންނަ އޭއެފްސީ ކަޕުގައި މީގެ ކުރިން ދިވެހި ޓީމުތައް ރަނގަޅު ނަތީޖާތައް ވެސް ނެރެފައިވެއެވެ. އެގޮތުން ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ. އަދި 2013 ވަނަ އަހަރު އެ ޓީމު ވަނީ މުބާރާތުހެ ކުއާޓާ ފައިނަލުގައި ކުޅެފައެވެ.