ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވައިފިއެވެ.

ފިޔާޒު އިސްތިއުފާ ދެއްވިކަން އޭނާ މިރޭ ކުރި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފިޔާޒު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ރާއްޖޭ ޓީވީން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަށް ވަގުތުދީ ކުޑަކޮށް މަސައްކަތް ލުއިކޮށްލުމުގެ ގޮތުން ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލާނެކަމަަށް އިއުލާންކުރި ނަމަވެސް، އެ ފަދަ ވިސްނުމެއް ނެތް ކަމަށް ފިޔާޒު ވިދާޅުވިއެވެ.

ފިޔާޒު ރާއްޖެ ޓީވީއާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭނާ ރާއްޖެ ޓީވީގައި މަސައްކަތް ކުރިއިރު 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖެހިކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާވެސް ކުރިއެވެެ.

ނަމަވެސް އެ މައްސަލައިގައި މިދިޔަ އަހަރު ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ.