އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުން އިދިކޮޅު ސިޔާސީ ޕާޓީ ނައްތާނުލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ގޮވަލައްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ކުރި ބަހުސްގައި، މޫސަ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރަން ޖެހޭ، ސަރުކާރުގެ މައިބަދަކަމަށް ގަބޫލުކޮށް ސިވިލް ސާވިސްގެ ގާނޫނެއް ހެދި ނަމަވެސް، ސިވިލް ސާވިސްގައި ވެސް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން އުޅެންވާނެ ކަމަށެވެ.

"އޭގެ މާނައަކީ އޮފީހުގައި އޮފީސްތަކުގައި ތިބެގެން އެމީހުން އެކަން ކުރާށެކޭ ނޫން. ކޮމިޝަނަށް ގެންނަ މީހުން ވެސް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަން ކުރާކަށް ނޫން،"

މޫސަ ވިދާޅުވީ ސިވިލް ސާވިސްގައި ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ މީހުން ވެސް ތިބޭނެ ކަމަށާއި ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ ފިކުރުގެ މީހުންގެ ސިޔާސީ ހަޔާތާއި ކުރިމަގު މަރުވެގެން ގޮސްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ނިސްބަތް ކުރައްވައި، މޫސަ ވިދާޅުވީ މަޖިލީހުގެ އިންތިހާބާ ކުރިމަތިލާ އިރު އެ ޕާޓީގެ ސްޓޭންޑާއި ޕާޓީގެ ވެރިޔަކީ ކޮބައި ކަމެއް މެމްބަރުންނަށް ސާފު ނުވާ ކަމަށެވެ.

"ޕާޓީގެ އެއް ވެރިމީހާކަމަށް ދައުވަކުރާ މީހަކު ހުރީ ސަރުކާރު ކޯލިޝަނުގައި. އަނެއް ވެރިމީހާ ހުރި ހިސާބެއްވެސް ނޭނގެ.އެހެން ވިޔަސް ޕާޓީ ކުރިމަތީގައި އޮތީ އިންތިހާބެއް. ޕަޓީގެ ފަރާތުން ނުކުނަންޖެހޭ ބަޔަކުވެސް ތިބެންޖެހޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ޑިމޮކްރަސީއެއްގައި އިދިކޮޅަށް ވެސް އެއްޗެއް ބުނާން ބަޔަކު ތިބެންޖެހޭ ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ސަރުކާރުން އިދިކޮޅު ޕާޓީ ނައްތާލަން މަސައްކަތްކުރާތަން ކަމަށެވެ.

"އަޅުގަނޑު އަދި ނުދެކެން މިހާ ނިކަމެތިކޮށް އިދިކޮޅު ފަރާތްތަކަށް ކަންކަން ކުރާ ތަނެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް، އުއްތަމަ ފަނޑިޔާރަށް ވެސް، އަދި މަޖިލީހުގެ ރައީސަށް ވެސް ވަރަށް އާދޭހާ އެކު މި ދަންނަވަނީ، ސުޕްރީމް ކޯޓުން އެހެން މައްސަލަތައް ނިންމާ ގޮތަށް ޕީޕީއެމްގެ މައްސަލަ ނިންމާދެއްވާ،"

ރިޔާސީ އިންތިހާބުން ޕީޕީއެމްގެ ކެންޑިޑޭޓު އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނާކާމިޔާބުވުމުން، އެ ޕާޓީން ވަނީ ޚާއްސަގޮތުން ބާއްވާ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބުކޮށްފަ އެވެ.

ނަމަވެސް ނަމަވެސް އެ ޖަލްސާ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމުމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުނެވެ. އަދި ހައިކޯޓުން ނިންމީ ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މީގެ އިތުރުން މޫސަ ވަނީ އިދިކޮޅު ޕާޓީއެއް އޮތުމަށް ސަރުކާރު ހިންގާ ޕާޓީތަކުގެ އިސްވެރިންނަށް އިހުތިރާމުނުކުރެވިގެން އުޅެނީ ކީއްވެގެންކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

"ރައީސް ޔާމީނާ އޮންނަ ހިޔާލު ތަފާތުވުމެއް ނަމަ އެކަމެއް ބާއްވާ. އެކަމަކު އިންތިހާބުގައި 96،000 މީހުން ދިން ވޯޓަށް، އެމީހުންނަށް އިހުތިރާމެއް އޮންނަން ޖެހޭނެ،" މޫސަ ވިދާޅުވި އެވެ.

ބަހުސް މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރަކު އައްޔަނުކުރުމަށް ވޯޓު ދޭ އިރު އެކަމުގައި ސިޔާސީ ފިކުރު ނުހިމަނައި އިންސާފުވެރިކަމާ އެކު ނިންމުމެއް ނިންމުމަށް އެދިވަޑައިގެންފަ އެވެ.

އެއަށް ރައްދުދެއްވައި، ޕީޕީއެމްއަށް ނިސްބަތްވާ މޫސަ ވިދާޅުވީ އިދިކޮޅު ޕާޓީގެ މެމްބަރުން ވޯޓު ދޭނެ ކޮންމެވެސް އަސާސެއް އޮންނަން ޖެހޭނެ ކަމަށާއި، ނަމަވެސް އިދިކޮޅު މެމްބަރުން ވޯޓު ދޭނެ މީހެއް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ރިޕޯޓުން އެނގިވަޑައިނުގަންނަވާ ކަމަށެވެ.