މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކޮށް، ހުށަހެޅި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ފާސް ކުރުމަށް ތާވަލް ކޮށްފިއެވެ.

މަޖިލިސް އިން އާންމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓާ މެދު ގޮތެއް ނިންމުމާއެކު، އިތުރު ތިން ކަމެއް ވެސް އެޖެންޑާކޮށްފައިވެ އެވެ. މަޖިލީހުގެ ޖަލްސާ ތާވަލްކޮށްފައި އޮތީ މިރޭ 8:30 ގައިއެވެ.

ރައީސް ސޯލިހްގެ ރިޔާސީ ދައުރު ފެށުމުގެ ކުރިން، ފިނޭންސް މިނިސްޓްރީން މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ބަދަލުގެނައުމަށްފަހު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ޖުމްލަ އަދަދު 30.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ

ބާޖެޓް ފާސްކުރުމުގެ އިތުރުން، ޖަލްސާގައި މިރޭ އެޖެންޑާކޮށްފައިވަނީ، 65 އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުއަސސީއަށް އިސްލާހު ގެނައުމުގެ ބިލާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އަށް އިސްލާހު ގެނައުމުގެ ބިލު، ކޮމިޓީތަކުން ދިރާސާކުރެއްވި ގޮތުގެ ރިޕޯޓް ވެސް މިރޭ މަޖިލިސް އަށް ހުށަހެޅުމަށް ތާވަލް ކޮށްފައި ވެއެވެ.

އޭގެ އިތުރުން، އެ ދެބިލަށް ވޯޓަށް އެހުމަށް ވެސް މިރޭ ޖަލްސާގައި ތާވަލް ކޮށްފައެވެ. އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރަކު އައްޔަން ކުރަންވެސް ވަނީ ތާވަލް ކޮށްފައެވެ.