ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ އެކުވެރިކަން ހުށަހަޅުއްވައިފި އެވެ.

ޑރ. ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ.

"އެމަނިކުފާނާ ބައްދަލުކޮށް އެކުވެރިކަން ހުށަހަޅައި، އެމަނިކުފާނަށް އޮތް ސަޕޯޓު ހުށަހެޅީން،" ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށް ކާމިޔާބީއަށް އެދިލައްވައިފަ އެވެ.

ރައީސް ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ވެސް ރައީސް ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދާ މެދު އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ އެވެ. އޭގެ ފަހުން ރައީސް ވަހީދާއި ރައީސް ނަޝީދު ބައްދަލުވީ ވެސް ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދަރުބާރުގަ އެވެ.