03 Dec 2018, 12:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަނުކޮށްފައިވާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި ބަންޑާރަ ނައިބާއި 19 ވަޒީރުން ހިމެނޭ ގޮތަށް 20 ބޭފުޅަކު ތިއްބަވައެވެ.
މިއަދު ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި އެވަގުތު ތިބި މެމްބަރުންގެ އިއްތިފާގުންނެވެ.
ވަޒީރުންނަށް ރުހުން ދިން އިރު ކޮމިޓީން ވަނީ އެ ވަޒީރުންގެ ކޮރަޕްޝަނުގެ މައްސަލައެއް ހިނގާފައި ވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ބަލާފައެވެ. ބެލި ބެލުމުން ދެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުންދާކަން ލިޔުންތަކުން އެނގޭކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދެ ވަޒީރުންނެއް ކަމެއް ރިޔާޒު ވިދާޅެއް ނުވެއެވެ.
"'ސަން" އަށް އެނގިފައިވާ ގޮތުން އެ ދެ ވަޒީރުންނަކީ ހައުސިންގް މިނިސްޓަރު އާތިފާ ޝަކޫރު އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.
ބެލެވޭ ގޮތުން މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ.