03 Dec 2018, 16:03
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމް މެމްބަރުން އިހުތިޖާޖު ކުރުމުން މަޖިލިސް ހިންގަން ދަތިވެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއެއް 14:30ގެ ފަހުން ކުރިއަށް ގެންދެވޭނީ މަޖިލީހުގައި ވޯޓެއް އަހައިގެންނެވެ. ޕީޕީއެމް މެމްބަރުންގެ އިހުތިޖާޖުގެ ސަބަބުން މަޖިލީހުގައި އެ ގަޑި ޖެހުން އިރު ވެސް ވޯޓަކަށް ނޭހުނެވެ.
ޕީޕީއެމުން އިހުތިޖާޖު ކުރީ މަރުގެ މައްސަލަތައް ބެލުމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށެވެ.
ޕީޕީއެމްގެ މެމްބަރުން ބުނަމުން ދަނީ އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލުގައި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ ކައުސިލް ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލިސް
ތިން ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަން މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރި ނަމަވެސް އިހުތިޖާޖުގެ ސަބަބުން އެކަން ވަނީ ކުރެވޭ ގޮތް ނުވެފަ އެވެ.
މަޖިލީހުގެ ރައީސްގެ މޭޒު ކައިރީ އަދި މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީ ތިބެ ޕީޕީއެމްގެ މެމްބަރުން ގޮވަމުން ދިޔައީ ގާނޫނު އަސާސީއާ ހިލާފު ބިލެއް މަޖިލީހަށް ބަލައި ގަންނަން ފުރުސަތު ނުދޭނެ ކަމަށެވެ.
އެކަމާ ސަރުކާރުގެ މެމްބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ވައްކަމާ އެއްކޮޅަށް ހިޔާނާތުގެ ދިފާއުގައި ބަޔަކު ކުރާ ފުރަތަމަ މުޒާހަރާ ކަމަށެވެ.
Vakkamaa ehkolhah, khiyaanaathuge dhifaauga kuraa furathama muzaaharaa.
The MP doth protest too much, methinks. ????pic.twitter.com/OujwDHPkR0— Eva Abdulla ????❓ (@evattey)December 3, 2018
"ރިޔާސީ ކޮމިޝަނުގެ ބިލު"ގެ ނަމުގައި މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންނެވެ.
ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ދެ ކޮމިޝަނަށް ދޭން ވެސް ބިލުގައި ލިޔެފައިވެ އެވެ.
ކޮމިޝަންތަކަށް ދީފައިވާ ބާރުތައް
- ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
- ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
- ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
- ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
- ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
- މައްސަލައާ ގުޅުުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒް ކުރުން
- ކޯޓު އަމުރަށް އެދެވުން
ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއް ވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.
އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ލިޔެފަ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅޭނެ ކަމަށް ވެސް ބިލުގައި ވަނީ ލިޔެފަ އެވެ.