03 Dec 2018, 18:36
އޮސްޓްރޭލިއާގެ ހުޅަނގުގައި އޮންނަ ސިޓީއެއް ކަމަށްވާ ޕާތުގައި "ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަން"ގެ ނަމުގައި ދިވެހިންގެ ޖަމްއިއްޔާއެއް އުފައްދައިފި އެވެ.
ފާއިތުވި އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ރެޖިސްޓާ ކުރި އެ އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެ އެސޯސިއޭޝަންގެ އަމާޒުތަކުގެ ތެރޭގައި އޮސްޓްރޭލިއާ މީހުން ދިވެހި ސަގާފަތް ދައްކުވައިދީ، ގުޅުން ބަދަހިކޮށް ޓުއަރިޒަމް ޕްރޮމޯޓު ކުރުން ހިމެނޭ ކަމަށެވެ. އަދި ރާއްޖެއިން އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލު ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކި ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ އެ އެސޯސިއޭޝަންގެ ކޮމިޓީ މެމްބަރުން އިންތިހާބުކޮށް އެސޯސިއޭޝަންގެ އަމާޒުތަކާ މެދު މަޝްވަރާ ކޮށްފަ އެވެ.
އިންތިހާބު ކުރި ކޮމިޓީ މެމްބަރުން:
މުހައްމަދު ސޯދިގު (ޗެއާޕާސަން)
- އަހްމަދު ޝަބީހު (ވައިސް ޗެއާޕާސަންއަށް)
- ހުސެއިން ރަފީއު (ޓްރެޝަރާ)
- އައްޒަ މުހައްމަދު (ސެކެޓްރީ)
- ފަރުޒީނާ އަބްދުﷲ (އެސިސްޓެންޓް ސެކެޓްރީ)
- ޑރ. އަހްމަދު އިބްރާހިމް (އޯޑިނަރީ ކޮމިޓީ މެމްބަރ)
- ޑރ. ޝިފާޒާ މުހައްމަދު (އޯޑިނަރީ ކޮމިޓީ މެމްބަރ)
ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަން އިން ބުނާ ގޮތުގައި މިހާރު ވެސް އެ އެސޯސިއޭޝަންގައި 70 އަށް ވުރެ ގިނަ ދިވެހިން ވަނީ ރެޖިސްޓާ ކޮށްފަ އެވެ.
ޕާރތަކީ މަތީ ތައުލީމު ހާސިލު ކުރަން ދިވެހިން ގޮސް އުޅޭ ސިޓީއެކެެވެ. އަދި އެ ސިޓީގައި ބައެއް ދިވެހި އާއިލާތައް ދަނީ ދާއިމީކޮށް ވެސް ދިރިއުޅެމުންނެވެ.
ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާރތަކީ ހުޅަނގު އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ އެވެ. އަދި އެ ސިޓީއަކީ އޮސްޓްރޭލިއާގެ ހަތަރުވަނަ އަށް އެންމެ އަބާދީ ބޮޑު ސިޓީ އެވެ.