ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުން ތިން ވަނަ ދައުރު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފި އެވެ.

މީގެ ފަސް ދުވަހުގެ ކުރިން މަޖިލީހުން ވަނީ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާއާ ހަމައަށް އިތުރުކޮށްފަ އެވެ. ނަމަވެސް މާދަމާއާ ހަމައަށް މަސައްކަތްތައް ނުނިމޭނެތީ ރިޔާސަތުން ވަނީ ތިން ވަނަ ދައުރު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ވޯޓަކަށް އަހައިފަ އެވެ.

އެގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު 27 އޮގަސްޓުގައި ފެށުމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވީ ނަމަވެސް، މިދިޔަ ސަރުކާރުގެ ސުޕާ މެޖޯރިޓީ ގެއްލުނު ފަހުން މަޖިލިސްގެ މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު، ގިނަ ބިލް ތަކެއް ފާސްކޮށް މަޖިލިސް އަށް އާ ރައީސް އެއް އައްޔަން ކުރެވިގެން ދިޔަ އެވެ.

އަދި އޭގެ އިތުރުން އާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތައް ވެސް ވަނީ ހުށަހެޅިގެން ދިޔަ އެވެ.