ސަރުކާރުގެ ދެ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ ސ. ހުޅުދޫ ވާރުގެ، ޝާހިދު އަލީ ކަމަށެވެ.

ޝާހިދުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެވެ. އެގޮތުން 2008 ނޮވެމްބަރު 20 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައިވެސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ދެމިހުންނެވިއެވެ. އެ މަގާމުން އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ވެރިކަމަށް އައުމަށްދފަހު، 17 ނޮވެމްބަރު 2013 ގައެވެ.

އެމްޕީއެލްއަށް ޝާހިދު މިއަދު އައްޔަނުކުރި އިރު، އެ ކުންފުނީގެ ސީއީއޯގެ ގޮތުގައި އެންމެ ފަހުން ކުންފުނި ހިންގެވުމަށް ހުންނެވީ މުހައްމަދު ޖުނައިދެވެ.

އެމްޕީއެލްގެ އިތުރުން މިއަދު މެނޭޖިންގް ޑިރެކްޓަރަކު އައްޔަނުކުރީ ސްޓެލްކޯއަށެވެ. ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރީ އެ މަގާމު މީގެ ކުރިންވެސް އަދާކުރެއްވި ހ. ސަންދަލީގެ، ހަސަން މުޣުނީއެވެ. މުގުނީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަން މީގެ ކުރިން ކުރެއްވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2014 ޖެނުއަރީ 23 އިން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

އޭގެ އިތުރުން އޭނާ ވަނީ އެމްޓީސީސީގެ ބޯޑު މެމްބަރުކަންވެސް މީގެ ކުރިން ކުރައްވާފައެވެ.

ސްޓެލްކޯއަށް މުޣުނީ އައްޔަނުކުރުމުގެ ކުރިން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރެއްވީ އަހްމަދު ޒުހޫރެވެ.