މިއަދު ހެނދުން ފެށިގެން މާލޭގައި ހެދިފައިވާ ފެންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި މޫސޫން ގޯސްވެ އިތުރަށް ފެންބޮޑުވެއްޖެ ހާލަތެއްގައި 25 ޕަމްޕު ނެރޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފެން ހިންދުމަށް އެމްއެންޑީއެފުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން ފަޔާ އެމްޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު އަބްދުﷲ ޒުހުރީ ވިދާޅުވީ، މިވަގުތު އެންމެ ބޮޑަށް ފެން ހެދިފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށާއި އެ ތަނުގައި 10 ވަރަކަށް އިންޗިއަށް ފެން ގަނޑު އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ގަނޑިއިރު ތެރޭ އެއްކޮށް ފެންގަނޑު ހިންދާލެވޭ ވަރު ވާނެ ކަމަށް ވެސް ޒުހުރީ ވިދާޅުވި އެވެ.

"މާލޭގައި އިތުރަށް ފެންބޮޑުވުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ނެތް. ރައްޔިތުން ހާސްވާން ޖެހޭ ވަރުގެ ކަމެއް މި ވަގުތު ފާހަގަ ކުރެވިފަ އެއް ނެތް،" ޒުހުރީ ވިދާޅުވި އެވެ.

ފެންގަނޑު މިވަގުތަށް ހިންދާލެވުނު ނަމަވެސް އެމްއެންޑީއެފުން އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށް ޒުހުރީ ފާހަގަ ކުރެއްވި އެވެ. އަދި ގޭގެއަށް ފެން ވަދެދާނެ ކަމަށް ބެލެވޭތީ ވެލި ބަސްތާތައް ވެސް ތައްޔާރު ކޮށްފައި ހުރި ކަމަށް ޒުހުރީ ވިދާޅުވި އެވެ.

"މިރޭ އިތުރަށް ފެން ބޮޑު ވެއްޖެ ނަމަ 19 ޕަންޕު ބޭނުން ކުރާނަން. އަދި ވާސްޓް ކޭސް ސިނާރިއޯއަކަށް ދާން ޖެހިއްޖެ ނަމަ 25 ޕަންޕު މިރޭ އަޅުގަނޑުމެނަށް ބޭނުން ކުރެވޭނެ،" ޒުހުރީ ވިދާޅުވި އެވެ.

މާލެއަށް މިއަދު ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާއިރު ފަހުގެ ތާރީހެއްގައި ފެން ބޮޑު ނުވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. އަދި 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވާއިރު ދެ ގެއަކަށް ފެން ވަނުމުގެ ސަބަބުން ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެ ދެ ގޭގެ މީހުނަށް ބޯހިޔާ ވަހިކަން ފޯރުކޯށްދީފަ އެވެ.