08 Dec 2018, 11:27
ވައިފުޅި އަޅައިގެން، އެން ހިފަން ފީނަން އުޅުމުގެތެރޭގައި ޑީކޯވި މީހުންގެ ތެރެއިން މާލެ ގެނެސް ފަރުވާދެމުންދާ މީހާ މިހާރު ކުޑަކޮށް ސްޓޭބްލް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އޭނާއަށް މިހާރު ފަރުވާދެމުންދަނީ ހޮސްޕިޓަލުގެ އީއާރުގައި ކަމަށެވެ.
އިއްޔެ ގދ. "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ފޭބި ހަތަރު މީހުންގެ ތެރެއިން ޑީކޯވި އެކަކު އިއްޔެ ވަނީ މަރުވެފައެވެ.
އެ ހާދިސާގައި ދެން އެންމެ ބޮޑަށް ހާލުދެރަވި އަހުމަދު ޝާކިރު 24، ވަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވަނީ އިއްޔެ ހަވީރުއެވެ.
ކުރިން އޭނާ ގެންދިއުމަށް ނިންމީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
ހާދިސާގައި، އެންނެގުމަށް ފޭބި އަނެއް ދެމީހުންގެ ހާލު ރަނގަޅެވެ.