ދިވެހި ރައްޔިތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރާ ޚަރަދުތަކާ ގުޅޭ ސާވޭ "މޯލްޑިވިއަންސް ޓްރެވަލިންގް އެބްރޯޑް ސާވޭ" މި އަހަރުވެސް ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

މި ސާވޭއަކީ ދިވެހީން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި އެ ދަތުރުތަކުގެ ޚަރަދުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކޮންމެ އަހަރަކުވެސް އެމްއެމްއޭއިން ކުރ ސާވޭއެކެވެ.

އެގޮތުން ދަތުރުކުރި މަގްސަދާއި، ދިޔަ ގައުމާއި، ޓިކެޓާއި ހުރުމަށް ކުރި ޚަރަދާއި ބޭސްފަރުވާއަށް ނަމަ ބޭސްފަރުވާއަށް ހޭދަކުރި ޚަރަދު ފަދަ މައުލޫމާތުތައް އެމްއެމްއޭއިން ނަގާނެއެވެ.

އެހެން ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ ޒާތީ މައުލޫމާތު ސާވޭގެ ތެރެއިން ނުނަގާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރުވެސް މި ސާވޭ ކުރިއަށް ގެންދާނީ މި މަހުގެ 24 އިން 30 އަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ. އަދި އެމްއެމްއޭގެ ޓީމުތައް އެތަނުގައި ހަރަކާތްތެރިވާނެ ކަމަށާއި، އެހެންކަމުން ދަތުރަށްފަހު ރާއްޖެ އަންނަ ހުރިހަ ދިވެހީންވެސް އެ ސާވޭއަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން އެދެއެވެ.

މިދިޔަ އަހަރު ސާވޭ ކުރި ދުވަސްވަރު 7،000 އެއްހާ ދިވެހީން ރާއްޖެ އައި އިރު، އޭގެ ތެރެއިން 4،220 މީހަކާ އެމްއެމްއޭއިން ސުވާލުކުރިއެވެ. އެ ނަތީޖާތައް ދައްކާ ގޮތުން، އޭގެ ތެރެއިން 45 ޕަސަންޓު މީހުންނަކީ ބޭސްފަރުވާއަށް ދިޔަ މީހުންނެވެ.

ބޭސްފަރުވާއަށް އެންމެ ގިނައިން މީހުން ދިޔައީ އިންޑިއާއަށެވެ. އެއީ 1،233 މީހުންނެވެ. ދެން އެންމެ ގިނައިން މީހުން ދިޔައީ ސްރީލަންކާ އަދި ތައިލެންޑަށެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ މީހުން އެވަރޭޖްކޮށް ބޮލަކަށް 641 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ދައްކައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދިޔަ ސްރީލަންކާގައި އެވަރޭޖްކޮށް ޚަރަދުކޮށްފައިވަނީ 499 ޑޮލަރެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 21 ޕަސަންޓު ދަށް އަދަދެކެވެ.

ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން އެންމެ ގިނައިން ހަރަދުކުރީ ސިންގަޕޫރަށް ދިޔަ މީހުންނެވެ. ސާވޭގެ މުއްދަތުގައި ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔަ މީހުން ބޮލަކަށް 2،500 ޑޮލަރު ހަރަދުކުރިކަމަށް ދައްކައެވެ.