15 Dec 2018, 10:53
ކެންބެރާ (ޑިސެމްބަރު 15): ހުޅަނގު ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާއިން ބަލައިގެންފި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި ހުޅަނގު ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެގައުމުން ބަލައިގަތް ނަމަވެސް، ތެލް އަވީވުގައި ހުންނަ އެމްބަސީ ގުދުސަށް ބަދަލު ކުރާނީ އަދި ފަހުންނެވެ.
މީގެ އިތުރުން މޮރިސަން ވަނީ އެގައުމުން އަދިވެސް ތާއިދު ކުރަނީ ދެ ދައުލަތް ބިނާކޮށްގެން، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ސުލްހަ ގެނައުމަށް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަނެފަ އެވެ. އަދި ތެލް އަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ވަނީ މިދިޔަ މެއި މަހު ގުދުސަށް ބަދަލުކޮށްފަ އެވެ.
އޭގެ ފަހުން ގުއާޓަމާލާއިން ވެސް ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކޮށްފަ އެވެ.