ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަ ކުދީންނަށް މިނިސްޓްރީގެ މާހައުލުގައި ހިތްހަމަޖެހުމާއެކު ވަގުތުހޭދަކޮށްލެވޭނެ ފަދަ އާއިލީ ބަގީޗާއެއް ހުޅުވައިފިއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގެ ތެރެއިން ބަގީޗާ ހުޅުވައިދެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ކުޑަކުދީންގެ އެ އާއިލީ ބަގީޗާ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، މިއަދު ހުޅުވިގެން އެ ދިޔަ ބަގީޗާގެ ބޭނުމަކީ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގުޅިގެން އުފެއްދުންތެރިކަމާއެކު އެންމެ ފުރިހަމަޔަށް މަސައްކަތްތައް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.

ޔޫތް މިނިސްޓްރީގައި އާއިލީ ބަގީޗާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފު ކުޑަކުދިންތަކަކާއި އެކު.... ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް ވާހަކަ ދައްކަމުން މަހުލޫފު ވިދާޅުވީ އެކަމާ ގުޅޭގޮތުން މިހާރު އުސޫލެއް ހެދިފައިވާނެ ކަމަށާއި ހުރިހާ މުވައްޒަފުން ވެސް އެ އުސޫލާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިއަދު ހުޅުވިގެންދިޔަ ބަގީޗާގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ބޮޑެތި ފަސޭހަ ތަކަކާއި ލުއިތަކެއް ވެގެންދާނެ ކަމަށް މަހުލޫފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް އެނގޭ ދަރިންނާ ދުރުގަ މަސައްކަތް ކުރަން ޖެހުނީމަ ދަތި އުނދަގޫތައް ދިމާވާކަން، އަޅުގަނޑު ބޭނުންވީމަ އަޅުގަނޑު ދަރިފުޅު ގެނެސް މިތަނަށް ވެއްދުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ، ހަމަ ކޮންމެ މުވައްޒަފަކަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލް ކުރަން، އެހެންވީމަ މުވައްޒަފުންނަށް މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހުފާނެ ކަމަށް ހީކުރަން،" މަހުފޫލު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގައި އާއިލީ ބަގީޗާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ، މިއަދު އެ ބަގީޗާ މިނިސްޓްރީގައި ހުޅުވިގެން ދިޔުމުން ވަރަށް އުފާކުރާ ކަމަށެވެ.

އެ ބަގީޗާގެ މަސައްކަތް ނިންމުމުގައި ޔޫތް މިނިސްޓްރީގެ ހީވާގި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.