20 Dec 2018, 18:55
ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ލީޑަރުން އެއްބަސްވެ ވަޑައިގެންފި އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ ކޮންމެ މަހަކު އެއް ފަހަރު ބާއްވާ ބައްދަލު ކުރުމުގެ ތެރެއިން މި މަހުގެ ބައްދަލުވުން ހޮޓެލް ޖެންގައި ނިންމާލުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ ފެށޭ އަހަރުގެ ޖެނުއަރީގައި ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައި ދިނުމަށް މެންބަރުންނަށް ދަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަކަމުގައި މެންބަރުންނާ މަޝްވަރާ ކުރަން ޖެހޭނީ. ގިނަ މެންބަރުން މިވަގުތު އެ ތިއްބެވީ ޗުއްޓީގައި. އެހެންވީމަ ގުޅާފައި އެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފައި ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކީގައި އެ މަޝްވަރާތައް ކުރިއަށް ގެންގޮސް ޖެނުއަރީ މަހުގެ ތެރޭގައި ޖަލްސާއަކަށް ކޯލް ކުރެވޭތޯ ބަލަން ވެގެން މި މަސައްކަތް ކުރަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭ ކަން ފާހަގަކުރައްވައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލް ފާސް ނުކުރެވި މަޖިލިސް ޗުއްޓީއަކަށް ދިއުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ ބޭފުޅުން އަމަލުކޮށްފައިވާނީ ގާނޫނުގައި ބުނާ ގޮތަށް ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ފަހު ދައުރު ދެމިގެން ދަނީ މިމަހުގެ 15 ވަނަ ދުވަހަށް ކަމަށް މަޖިލީހުން ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުރު އިތުރު ކުރަން އެއްވެސް މެންބަރަކު ހުށައަޅާފައި ނުވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ.
"ދަންނަވާލަން ބޭނުންވަނީ މަޖިލިސް ޗުއްޓީއަށް ދިޔައީ މަސައްކަތްތައް ބާއްވާފަ އެއް ނޫނޭ. އެ ދެއްކެވި ވާހަކަފުޅަށް އަޅުގަނޑު ހިތާމަ ކުރަން. އެހެނެއް ނޫން އަކަން ދިޔައީކީ،" ގާސިމް ވިދާޅުވި އެވެ.
އެ ބައްދަލުވުމާއމ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް ބިނާކުރަނިވި އުފެއްދުންތެރި ގޮތަކަށް ކަމަށެވެ.