ކޮލަމްބޯ(ޑިސެމްބަރު 23): ސްރީ ލަންކާގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އަންނަ އަހަރަށް ބަޖެޓެއް ކަނޑައެޅުމުގެ ބަދަލުގައި، ކުރިއަށް އޮތް ހަތަރު މަހަށް ބަޖެޓެއް ފާސްކޮށްފިއެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޯބަރު 26ގައި އޭނާ މަގާމުން ދުރު ކުރީ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ތައްޔާރު ވަމުން ދަނިކޮށެވެ.

"އަޅުގަނޑުމެން ދިޔައީ ނޮވެމްބަރު ފަހެއްގައި ބަޖެޓު ހުށަހަޅަން ތައްޔާރު ވަމުން ނަމަވެސް އޮކްޓޯބަރު 26ގެ ހާދިސާއާ ގުޅިގެން ބަޖެޓު ފާސް ނުކުރެވުނީ،" ވިކްރަމަސިންހަ ވިދާޅުވިއެވެ.

ލަންކާގެ ޕާލިމެންޓުން 1.77 ޓްރިލިއަން ރުޕީސް (9.39 ބިލިއަން ޑޮލަރު)ގެ އެބަޖެޓު ފާސްކުރީ މަޖިލީހުގައި ހިމެނޭ 225 މެމްބަރުންގެ ތެރެއިން 102 މެމްބަރުންގެ ވޯޓުންނެވެ. އެބަޖެޓާ ދެކޮޅަށް ވޯޓު ދިނީ ހަ މެމްބަރުންނެވެ.

އެބަޖެޓުގައި ވަނީ ބޭރުގެ ދަރަނި ދެއްކުމަށް 970.4 މިލިއަން ރުޕީސް ހާއްސަކޮށްފައެވެ.

ލަންކާ ޕާލިމެންޓުން އަންނަ އަހަރަށް ބަޖެޓެއް ފާސް ނުކުރި ނަމަ، މިއަހަރު ނިމޭ އިރު ސަރުކާރު ހުއްޓުމަކަށް އަންނާނެއެވެ. އަދި އަންނަ މަހުގެ 10އަކާ ހަމަޔަށް ދަރަނި ނުދެއްކި ދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.

އެގައުމުގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ ވަނީ އަަންނަ އަހަރުގެ ބަޖެޓު އަންނަ މަހު ހުށަހަޅައި، ފެބްރުއަރީ މަހު ފާސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުން ވިކްރަމަސިންހަ ދުރުކޮށް، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރުމުގެ ސަބަބުން އުފެދުނު ހަލަބޮލިކަމާ ގުޅިގެން ގައުމުގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ރުޕީސްގެ އަގު ދަށްވިއެވެ.

މިމަހުގެ 15އިގައި، ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ، ރައީސް މައިތިރިޕާލާ ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން، ސިރިސޭނާ ވަނީ ބޮޑުވަޒީރު ކަމަށް އަނެއްކާވެސް ވިކްރަމަސިންހަ އައްޔަން ކުރައްވާފައެވެ.