23 Dec 2018, 22:42
ޖުމްހޫރީ ޕާޓީގެ ކައުންސިލް ދެ މެންބަރުން ކަމަށްވާ ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ނިޝާމާ މުހައްމަދަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.
އެގޮތުން ޖޭޕީގެ އަންހެނުން ގޮފީގެ ރައީސާ ވަލީދާ އައްޔަން ކުރެއްވީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ ނައިބަކަށެވެ. އަދި ޖޭޕީގެ ކޮމެޓީ އޮފް ޖެންޑާގެ ޗެއާ ނިޝާމާ އައްޔަން ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރުގެ ނައިބަކަށެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ނަމަވެސް އެ ދެ ބޭފުޅުން މަގާމްތަކަށް އައްޔަނު ކުރިކަން އަދި ރައީސް އޮފީހުން އަދި ރަސްމީކޮށް އިއުލާން ކޮށްފައިނުވެ އެވެ.
ވަލީދާ އާއި ނިޝާމާގެ އިތުރުން މިއަދު ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ ޓީވީއެމްގެ ނޫސްވެރިޔާ އަލީ ޝާމިން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމެންޓްގައި އިސްކޮށް އުޅުއްވާ ފާތިމަތު ޝަހީދާ އައްޔަނު ކުރައްވައިފަ އެވެ.