އަބޫދާބީ(ޑިސެމްބަރު 25): ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ފިލައިގެން ދާން މަސައްކަތް ކުރި އަމީރާ، ޝެއިޚާ ލަތީފާ ފެންނަ ފޮޓޯތަކެއް އެގައުމުން އާއްމު ކޮށްފިއެވެ.

ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމްގެ ދަރިކަނބަލުން ލަތީފާ އެގައުމުން ފިލައިގެން ދާން މަސައްކަތް ކުރީ ފެބްރުއަރީ މަހުގައެވެ. ނަމަވެސް މާޗް މަހު ޔޫއޭއީގެ ސިފައިން ވަނީ ކަނޑު މަތިން ލަތީފާ ހައްޔަރުކޮށްގެން ގެންގޮސްފައި ކަމަށް އޭނާއަށް އެހީތެރިވި ފަރާތްތަކުން ބުނެއެވެ.

އަދި އޭގެ ފަހުން ލަތީފާގެ ހަބަރެއް ނުވާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ އެ ހުރިހާ ރިޕޯޓުތައް ދޮގުކޮށްފައެވެ. އަދި ލަތީފާ ހުރީ އާއިލާއާ އެއްކޮށް ކަމަށް ބުނެފައެވެ.

އެމިނިސްޓްރީން އާއްމު ކުރި ފޮޓޯތަކުން ފެނިގެން ދަނީ ލަތީފާ އާއި އދ.ގެ ކުރީގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އަދި އަޔަލޭންޑުގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން އެވެ. އެމިނިސްޓްރީން ބުނި ގޮތުގައި އެފޮޓޯ ނަގާފައި ވަނީ މިމަހުގެ 15އިގައެވެ.

"އެބައްދަލުވުމުގެ ފޮޓޯ ހިއްސާކޮށްފައި ވަނީ ދެބޭފުޅުންގެ ރުހުމާ އެކު. ޝެއިހާ ލަތީފާއަށް ބޭނުންވާ އަޅާލުން ލިބެމުންދާ ކަމުގެ ޔަގީންކަން މޭރީ ރޮބިންސަންއަށް ވަނީ ދީފަ،" ފޮރިން މިނިސްޓްރީން އދ.އަށް ފޮނުވި ބަޔާނުގައިވެއެވެ.

އެބަޔާނާ ބެހޭ ގޮތުން އދ.އިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

ޔޫއޭއީއިން ފިލަން ލަތީފާ ކުރި މަސައްކަތް ނާކާމިޔާބުވިކަން އެނގުމުން، ގާނޫނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ 'ޑީޓެއިންޑް އިން ދުބާއީ' އިން ވަނީ ލަތީފާ ފިލަން މަސައްކަތް ކުރުމުގެ ކުރިން ރިކޯޑު ކުރި ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯގައި ލަތީފާ ވަނީ 'ގިނަ އަދަދެއްގެ މީހުންގެ މަރުގެ ފަހަތުގައި ވަނީ ޝެއިހް މަޚްތޫމް' ކަމަށާއި މީގެ ކުރިން ޝެއިހް މަޚްތޫމް ވަނީ އޭނާ އާއި އޭނާގެ ދައްތަ ޖަލަށް ލައި، އަނިޔާކޮށްފައި ކަމަށް ބުނެފައެވެ.