26 Dec 2018, 15:10
ވޮޝިންޓަން (ޑިސެމްބަރު 26): އުތުރު ކޮރެއާއިން 15 މަސްވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ފަހުން މަރުވި އެމެރިކާގެ ދަރިވަރު އޮޓޯ ވާމްބިއާގެ މަރުގެ ބަދަލެއްގެ ގޮތުން އެގައުމުން 501 މިލިއަން ޑޮލަރު ދޭން އެމެރިކާގެ ކޯޓަކުން އަންގައިފި އެވެ.
ވާމްބިއާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އުތުރު ކޮރެއާއިން ވާމްބިއާއާ މެދު އަމަލު ކުރި ގޮތް ކުށްވެރިކުރައްވާފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން 19އިގައި ވާމްބިއާ މަރުވި މައްސަލައިގައި އުތުރު ކޮރެއާއިން ޒިންމާ ނަގަން ޖެހޭ ކަމަށާއި އޭނާގެ މަރާއެކު އާއިލާއަށް ލިބުނު ގެއްލުމުގެ އަގު އުތުރު ކޮރެއާއިން ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެމެރިކާގެ ކޯޓުގެ އެއަމުރަށް ބޯލެނބުމަށް އުތުރު ކޮރެއާއަށް މަޖުބޫރު ނުކުރެވޭނެ އެވެ. އަދި އެމައްސަލައިގައި ކުރި ދައުވާތަކަށް އެގައުމުން އެއްވެސް ވަރަކަށް ރައްދު ދީފައެއް ވެސް ނުވެ އެވެ.
ދެހާސް ފަނަރަވަނަ އަހަރުގެ ޑިސެމްބަރު މަހު އުތުރު ކޮރެއާއަށް ދިޔުމަށް ފަހު ޖެހިގެން އައި މަހު އެގައުމުން ފުރައިގެން ދާން މަސައްކަތް ކުރުމުން ހައްޔަރު ކުރި ވާމްބިއާ އެމެރިކާއަށް ފޮނުވާލީ މިދިޔަ އަހަރުގެ ޖޫން 13އިގައެވެ. އެއީ އޭނާ ކޯމާއެއްގައި އޮންނަތާ އަހަރެއްހައި ދުވަސް ފަހުންނެވެ.
އުތުރު ކޮރެއާގެ ހޮޓަލަކުން ޕްރޮޕަގަންޑާ ޕޯސްޓަރެއް ވަގަށް ނަގަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވުމާ ގުޅިގެން ހައްޔަރު ކުރި ވާމްބިއާ ކޯމާއަކަށް ދިޔައީ ބޮޓުލިޒަމް ޖެހުމުގެ ސަބަބުން ކަމަށް އެގައުމުން ބުންޏެވެ.
ނަމަވެސް އެމެރިކާގެ ޑޮކްޓަރުން ވަނީ ވާމްބިއާއަށް ބޮޓުލިޒަމް ޖެހިފައި ނުވާ ކަމަށާއި އޭނާ ކޯމާއަކަށް ދިޔައީ ސިކުނޑިއަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އުތުރު ކޮރެއާއިން ވާމްބިއާއަށް އަނިޔާ ކުރި ކަަމަށް އޭނާގެ އާއިލާއިން ބުނި ނަމަވެސް އެމެރިކާގެ ޑޮކްޓަރުން ވަނީ އަނިޔާގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ފެންނާން ނެތް ކަމަށް ބުނެފަ އެވެ.