30 Dec 2018, 01:11
ގދ. ތިނަދޫ ކައިރިން ފެރީއަކާއި މަސް ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 11:15 އެހައިކަންހާއިރު ކަމަށެވެ. އެ އެންމެންނަށް ވެސް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ގދ. ހައޮޑިގަލާ ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީ ހިނގި އެ ހާދިސާގައި އެކްސިޑެންޓްވި ފެރީއަކީ އަމާރީ ރިސޯޓުގެ ފެރީއެކެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ހާދިސާގައި ދޯންޏަށާއި ފެރީގެ ގޮތުގައި ބޭނުންކުރި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.