31 Dec 2018, 21:50
ރާއްޖޭގައި އެކި ބަލިބަލިތައް ފަތުރާ ސޫފާ ސޫފި ދެނެގަންނާނެ ލެބެއް ގާއިމްކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ގޮތުން މިއަދު މެންދުރު ޗަންޕާ ސެންޓަރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މަދިރިއާ އެކި އެކި ސޫފާ ސޫފީގެ ސަބަބުން ޑެންގީފަދަ ފުރާނައަށް ނުރައްވާފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ޑެންގީ ޖެހިގެން އެއްވެސް ފުރާނައަކަށް ނުރައްކާ ނުވުމާއި، ޑެންގީ މަދިރި ރާއްޖެއިން މަދުކުރުމަށް އެންމެ ޒަމާނީ ހޯދުންތައް ރާއްޖޭގައި ތައާރަފުކޮށް، ރާއްޖޭގައި އެންޓޮމޮލޮޖީ ލެބެއް ނުވަތަ ބަލި ފަތުރާ ސޫފާސޫފި ދެނެގަނެވޭނެ ލެބެއް އަދި އެފަދަ ތަކެތި މަދި ކުރުމަށް އެންމެ ފަހުގެ ރިސާޗުތަކާ އެކީގައި މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް
އަދި އެފަދަ ތަކެތި މަދުކުރުމަކީ ވަކި އިދާރާއެއްގެ ޒިންމާކަމުގައި ބެލެވެން ނެތްކަމަށާއި އަދި އެއަށްވުރެ ފުޅާދާއިރާއެއްގައި މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނަތީޖާ ހާސިލްނުކުރެވޭނެ ކަމަށެވެ. އަދި މުވައްސަސާތަކުން މަސައްކަތް ކުރިނަމަވެސް އާންމު ފަރުދުންގެ އެއްބާރުލުމާ ނުލައި އެކަމަކީ ކުރެވޭނެކަމެއް ކަމަށް ނޫން ކަމަށްވެސް މިނިސްޓަޜޫ ވިދާޅުވިއެވެ.
މަދިރިއާއި އެހެނިހެން ބަލިފަތުރާ ޖަނަވާރާއި ސޫފި މަދުކުރުމުގެ ގޮތުން އެކުލަވާލި ޕްރޮގްރާމް ކުރިއަށްގެންދާނެ އަތްމަތީ ފޮތެއްވެސް މިއަދު ވަނީ ނެރެފައެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކަމާ ގުޅުންހުރި ފަސް އިދާރާތަކާއެކު އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. އެ އިދާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ނޭޝަންލް އެސޯސިއޭޝަން ހިމެނެއެވެ.