03 Jan 2019, 11:29
ގުދުސް(ޖެނުއަރީ 3): އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭ ފަދަ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޖިލާދު އަރުދާން ވިދާޅުވެއްޖެއެވެ.
އަރުދާން ވިދާޅުވި ގޮތުގައި އެބަދަލުތަކުގެ ދަށުން ފަލަސްތީނުގެ ގައިދީންނަށް ޖަލުގައި ކެއްކުން މަނާކޮށް، ޓީވީ ބެލޭ ވަގުތު ކުޑަ ކުރާނެއެވެ. އަދި ހަމާސްއާ ގުޅުން ހުރި ގައިދީންނަށް އެމީހުންގެ އާއިލާ ބައްދަލު ނުކުރެވޭ ގޮތް މިހާރުވެސް ހަދާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގައިދީންނާ ބައްދަލު ނުކުރެވޭ ގޮތް ހެދުމަށާއި ހަމާސް އާއި ފަތަހު ޖަމާއަތުގެ ބައިވެރިން ވަކި ކުރުމަށް ފަހު ބައިތިއްބާ ސިޔާސަތަށްވެސް ނިމުން ގެންނާނެ ކަމަށް އަރުދާން ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ގައިދީން ފެން ބޯ މިންވަރާއި ފެންވަރާ މިންވަރަށް ވެސް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ކެބިނެޓުގެ ހުއްދަ ލިބުމާ އެކު ގެންނަން ހަމަޖެހިފައިވާ އެބަދަލުތަކަށް ފަލަސްތީނުގެ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ ފާޑު ކިޔާފައެވެ. އަދި އިސްރާއީލުން އަމަލު ކުރަމުން ދަނީ އެގައުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން ނުޖެހޭ ގައުމެއްގެ ގޮތުގައި ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ޕްރިޒަނާ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަން އިން ބުނާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ އަދަދު ވަނީ 5،500އަށް އަށް އަރާފައެވެ. އޭގެ ތެރޭގައި 230 ކުޑަކުދިންނާއި 54 އަންހެނުން ހިމެނެއެވެ.