ވިހި އަހަރަށްވުރެ ގިނަ ދުވަސްވީ ފިލްމީ ކެރިއަރު ނިންމާލުމުގެ ގޮތުން ބަތަލާ ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ކުލަގަދަ ގޮތެއްގައި ރޭ ޕްރިމިއާކޮށްފިއެވެ.

ރެއަކީ ފިލްމީ ދާއިރާއަށް އުފާވެރި އަދި ހިތްދަތި ރެއެއްވެސް މެއެވެ. ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން އައި ކާމިޔާބު ބަތަލާ ނިއުމާ ސްކްރީނުން "ނިވައިވީ"އެވެ.

"ނިވައިރޯޅި" ޕްރިމިއާކޮށްދެއްވީ ރަސްމިއްޔާތުގެ ހާއްސަ މެހެމާނު އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ފިލްމު ޕްރިމިއާކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ ނިއުމާ ސްކްރީނުން ފެނިގެންދާނެ ފަހު ފަހަރަށްވުމުން ހިތާމަކުރާ ކަމަށެވެ. އަދި އުންމީދަކީ ސްކްރީނުގެ ފަހަތުގައި ނިއުމާ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

"ނިއުމާ މި ދާއިރާއަށް ކޮށްދީފައި ހުރި އަގުހުރި މަސައްކަތް އަޅުގަނޑު ފާހަގަކުރަން،"

މި ހަފްލާގައި ނިއުމާ ވަނީ އޭނާގެ އަމިއްލަ ވެބްސައިޓް ވެސް ލޯންޗްކޮށްފައެވެ. ވެބްސައިޓް ލޯންޗުކޮށްދެއްވީ ނިއުމާގެ ހާއްސަ އެދުމަކަށް ޕްރިމިއާށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިނިސްޓަރު ފިލްމު ޕްރިމިއާކޮށްދެއްވަނީ---

ރޭ ވަނީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ފެނިގެން ގޮއްސައެވެ. ބިދަބިން ބޮޑުބެރު ގްރޫޕްގެ ހުށައެޅުމަކާއެކު ރަވީ ފާރޫގް އަދި ރިޝްމީ ރަމީޒްގެ ލަވަ ސެޓެއް ވެސް ވަނީ ފެނިގެން ގޮއްސައެވެ.

ރޭގެ ހަފްލާއަށް ވަނީ ކުރީގެ ފިލްމީ ތަރި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ހިތި ތަޖުރިބާ"އިން ނިއުމާ ފިލްމީ ދާއިރާއަށް ތައާރަފްވި ނިއުމާ ފިލްމު ކުޅުން ހުއްޓާލިއިރު މިހާރު އޭނާގެ ފިލްމީ ކެރިއަރަށް 24 އަހަރު ވެގެންދިޔައީ އެވެ. އޭނާ ފިލްމީދާއިރާއަށް ނުކުތީ އުމުރުން 17 އަހަރުގައެވެ.

ނިވައިރޯޅިން ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ. އަދި ނިއުމާގެ ދަރިފުޅު ޒޯޔާ ވެސް ފިލްމުން ވަނީ ފެނިގެން ގޮއްސައެވެ.