ފިރިހެނުންނަށް އަނިޔާ ކޮށްގެން ޖެންޑާ މިނިސްޓްރީއަށް މައްސަލަތައް ހުށަހެޅިފައި ހުރި ކަމަށާއި ފިރިހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމަކީ ޖޯކެއް ނޫން ކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝިއަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ފިރިހެނުންނަށް އަނިޔާ ކޮށްގެންވެސް ބައެއް މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައްވެސް ބަލަމުންދާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ނަމަވެސް އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތައްކަށްވުރެ ފިރިހެނުންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތައް ނިސްބަތުން މަދުކަމަށް ޝިދާތާ ވިދާޅުވި އެވެ. ފިރިހެނުންނަށް އަނިޔާ ލިބިގެން ރިޕޯޓު ކުރުމަކީ "ޖޯކެއް ނޫން" ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކަ ދައްކާއިރު މިދައްކަނީ ހަމައެކަނި އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކައެއް ނޫން. ހަމަ އެ ބީދައިން އަޅުގަނޑުމެން ފިރިހެން ބޭފުޅުންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުން."

ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުގެ މައްސަލަތައް އިތުވަމުންދާތީ ކަންބޮޑުވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓް މައްސަލައަކީ ކުޑަކުދިންނަށް އަނިޔާކޮށްގެން ނުވަތަ އިހުމާލުވެގެން ހުށަހެޅޭ މައްސަލަތައް ކަމަށް ޝިދާތާ ވިދާޅުވި އެވެ.

" ކުޑަކުދިންނަށް ދިމާވާ މިކަހަލަ ކަންކަމުގައި އާއިލާއާއި އަންހެނުންނާއި ވަރަށް ބޮޑަށް ގުޅުން ހުރޭ. އަންހެނުންނަށް ކުރެވޭ އަނިޔާގެ މައްސަލަތައްވެސް އަޅުގަނޑުމެންނަށް ހުށަހެޅޭ އަދަދު މަދެއް ނޫން." ޝިދާތާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް އަނިޔާކޮށްގެން 2017 ވަނަ އަހަރު 1372 މައްސަލައެއް ހުށަހެޅުނު އިރު 2018 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް 1174 މައްސަލައެއް ވަނީ ޖެންޑާ މިނިސްޓަރީއަށް ހުށަހެޅިފަ އެވެ. ޝިދާތާ ވިދާޅުވީ އެއީ ކަންބޮޑުވާ އަދަދެއް ކަމަށެވެ.