10 Jan 2019, 15:02
މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ދެމެދު ދޭ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލު ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ.
"ހިދުމަތް އެމްޕީއެލްއާ އެމްޓިސީސީއާ، ދެ ފަރާތަކުން ދޭތީ ރައްޔިތުންނަށްވެސް އެހެން ފަރާތްތަކަށްވެސް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ފާހަގަ ކުރަމުން އަންނަނީ. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އެއް ފުރާޅެއްގެ ދަށަށް މި މަސައްކަތް ބަދަލު ކުރުމަށް. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލު ކުރަން ނިންމި ވާހަކަ އަޅުގަނޑު ދަންނަވާލަން،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ މުހައްމަދު ރަފީއު ވިދާޅުވީ، އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް ބަދަލު ކުރުމުން، ހިދުމަތް ކުރިއަށް ވުރެ އަވަސް ވާނެ ކަމަށެވެ.
"އެއް ފުރާޅެއްގެ ދަށަށް ހިދުމަތް ދިޔައިމަ، އަދި ކުރިއަށް ވުރެ އެފިޝެންޓުވެފައި މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް މި ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓާ ހުސެއިން ނަޒީރު ވިދާޅުވީ، އެމްޓީސީސީގެ ދަށަށް ހިދުމަތް ބަދަލު ކުރުމުން، އެމްޓިސީސީގެ ބަސްތައް ހިދުމަތް ދިނުމަށް ނެރެވި، ބަސް ދަތުރުތަކުގެ ފްރިކުއެންސީ މަތި ކުރެވޭނެ ކަމަށެވެ.
"އެމްޕީއެލްގެ 20 ޕްލަސް ބަސް މި ބޭނުން ކުރަނީ. އޭގެ އިތުރަށް އެމްޓިސީސީއިން ބޭނުން ކުރާ އިތުރު ބަސްތަކެއް އެބަ ހުރި. އެހެންވީމަ އެ ފްރިކުއެންސީ އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކުރަން ނިންމި ކަމަށް މިއަދު މިނިސްޓްރީން ބުނެފައިވާ އިރު އެ ހިދުމަތް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ހަވާލުކޮށްގެން ހިންގަމުން ދަނީ އެމްޕީއެލްއިންނެވެ.
މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން އިތުރަށް ބުނީ މާލޭގައި މިނީބަސްތަކުގެ ހިދުމަތްވެސް ދޭން ފަށަން ނިންމާފައިވާ ކަމަށެވެ.