12 Jan 2019, 14:06
އާސަންދައިގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޯޓަލަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާސަންދައިގެ ޕޯޓަލަށް ދިމާވި މައްސަލައަކާ ގުޅިގެން ފަތިހު 5:00 އަކުން މިއަދު މެނދުރު 11:00 އާ ހަމަޔަށް ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނުގައި ވަނީ އާސަންދައިގެ ހިދުމަތް މެދުކެނޑިފައެވެ. އެހެން ކަމުން، ގިނަ ބަޔަކަށް ވަނީ ފައިސާ ދައްކައިގެން ހިދުމަތް ހޯދަން ޖެހިފައެވެ.
މިއަދު އާސަންދައިގެ އޮފިޝަލަކު އެކަމާ ގުޅިގެން ވިދާޅުވީ، އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އާސަންދަ ހިދުމަތް މެދުކެނޑުނީ ދިިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާ ގޮތަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިިދާޅުވިއެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ހިދުމަތް ދޭނެ ގޮތުގެ އުސޫލެއްވެސް އެކުލަވާލައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މައުލޫމާތު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.