ހުޅުމާލޭ ނެބާހޫޑް އެކެއްގައި އިމާރާތް ކުރި ރާއްޖޭ އެންމެ ބޮޑު ސްކޫލް "ހުރަވީ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުވައި ދެއްވައިފި އެވެ.

ހުރަވީ ސްކޫލަކީ އެޗުޑްސީ އިން ހަވާލުކޮށްގެން އަމީން ކޮންސްޓްރަކްޝަން އަށް 132 މިލިޔަން ރުފިޔާ އަށް އެވޯޑުކޮށްގެން ހެދި ސްކޫލެކެވެ.

ދިރާސީ އާ އަހަރާ އެކު މިއަދު ހެނދުނު އެ ސްކޫލު ހުޅުއްވައި ދެއްވައި ރައީސް ސޯލިހް ވިދާޅުވީ، އެ ސްކޫލް ހުޅުވިގެން ދިޔުމަކީ ހުޅުމާލޭގެ މުސްތަގްބަލު ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ހުޅުމާލެ އަށް ހިޖުރަ ކުރަން ބޭނުންވާ އާއިލާތަކަށް އަގުހުރި ވަސީލަތެއް ކަމަށެވެ.

"މި ސްކޫލު ފަރުމާ ކުރެވިފައި ވަނީ ވަށާ ޖެހޭ ތައުލީމީ ނިޒާމަކަށް އެކަށޭނެ ގޮތަކަށް. ވަސީލަތްތަކުގެ ގޮތުގައި އާއި ޖާގާއިގެ ގޮތުން މީ އެއް ދަންފަޅި ކިޔަވާދެވޭ ގޮތަށް އަށް ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާ ކުރެވިފައިވާ ސުކޫލެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމާއި ތަމްރީނު ދީގެން އުފުއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެކަން ހާސިލް ކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް ސައްހަ އިސްލާމީ އަގީދާގެ މަތީގައި ތަރުބިއްޔަތު ވެފައިވާ ހުލުގު ހެޔޮ ދަރިވަރަކަށް ހެދިގެން،" ރައީސް ވިދާޅުވި އެވެ.

އެ ސުކޫލަށް ނަން ދީފައި ވަނީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި އައްސުލްތާނު ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ (ދޮންބަންޑާރައިން) އަށް ނިސްބަތްކޮށެވެ.

"ހުރަވީ ސްކޫލް އެ ރަސްކަލަކަށް ނިސްބަތްވާ، ދޮންބަންޑާރައިން ފަދައިން ދިވެހި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރާނެ ޒުވާން ޖީލެއް އުފައްދައިދޭނެ މުއްސަސާއަކަށް މި ސްކޫލް ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،"

އެއްހާސް ހަތްސަތޭކަ އެއްހާ ދަރިވަރުން ޖާގައިގެ ހުރަވީ ސްކޫލުގައި 53 ކުލާސް ރޫމް ހިމެނެ އެވެ. އަދި 60 ޓީޗަރުން ހިމެނޭ އިރު އެ ހުރިހާ ޓީޗަރުންނަކީ ވެސް ދިވެހީންނެވެ.

މިއަދު އެ ސްކޫލުގައި އަލަށް ކިޔަވާދޭން ފެށި އިރު، ގްރޭޑް 1-9 އަދި 11 އަށް ކިޔަވާ ދިނުމަށް ވަނީ ހަމަ ޖެހިފަ އެވެ. އަދި އަންނަ އަހަރު ގުރޭޑް 10 އަދި 12 އަށް ކިޔަވާދޭން ފެށެމަށް ވަނީ ހަމަޖެހިފަ އެވެ.