15 Jan 2019, 16:02
ވެރިކަމުގައި ފަސް އަހަރު ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާލީ ބަޔާން ހުށަހެޅުއްވީ ދެ ފަހަރު ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.
ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
އޮޑިޓް އޮފީހުން މިއަދު ވަނީ ވޭތުވެ ދިޔަ ފަސް އަހަރު އަދި މި ރިޔާސީ ދައުރު ފެށުނު އިރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކޮށްފައެވެ. އޭގައި ވާގޮތުން ކުރީގެ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ 2014 ވަނަ އަހަރާއި، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ދެ ދުވަސް ކުރިން، 2018 ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.
ޔާމީން ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2014 ވަނަ އަހަރު އެވެ. ދެން ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އަބްދުލްގަފޫރު އަދި އަބްދުﷲ ޖިހާދު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އެ ބޭފުޅުންނަކީވެސް އަހަރު އެއްފަހަރު މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ބޭފުޅުންނެވެ.

ޔާމީން ސަރުކާރުގެ ބައެއް މިނިސްޓަރުން ---
މިދިޔަ ސަރުކާރުގައި ގަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ބަންޑާރަނައިބު މުހައްމަދު އަނިލް އާއި ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެއެވެ.
އޭގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އަދި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްވެސް ވަނީ ގަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައެވެ.
އެއްގޮތަަކަށްވެސް މާލީ ބަޔާން ހުށަނާޅުއްވާ މިނިސްޓަރުންގެ ތެރޭގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ފިނޭންސް މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އަމީން އިބްރާހިމް އަދި ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސްކަން ކުރެއްވި އަދީބު ހިމެނެއެވެ.
އޭގެ އިތުރުން ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް މުހައްމަދާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލުވެސް މަގާމުގައި ހުންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި އިރުތިޝާމް އާދަމްވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަނީ ގާނޫނުގައިވާގޮތަށް މާލީ ބަޔާން އަހަރު އެއްފަހަރު ހުށަހަޅުއްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެވެސް އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ހުށަހަޅުއްވާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. މާލީ ބަޔާން ހުށަނާޅުއްވަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލްއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައިވެސް މާލީ ބަޔާން އެއްގޮތަކަށް ހުށަނާޅުއްވާ މެމްބަރުން ތިއްބެވިއެވެ. އޭގެ ތެރޭގައި މަޖިލީހުން ޖޭއެސްސީއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި އިބްރާހިމް ރިޒާއާއި ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ހުރިހާ އަހަރަކުވެސް މާލީ ބަޔާން ހުށަހަޅުއްވާފައެވެ.
އަލަށް އައި ސަރުކާރުން މާލީ ބަޔާން އޮޑިޓް އޮފީހަށް ހުށަހަޅުއްވާފައިވަނީ ހަތަރު މިނިސްޓަރުންނެވެ. އެއީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ހައުސިންގް މިނިސްޓަރި އައމިނަތު އާތިފާ ޝަކޫރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމުވެސް އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހެޅުއްވި ކަމަށް އޮޑިޓް އޮފީހުގެ ލިސްޓަކުން ނުދައްކައެވެ. ނަމަވެސް މިސަރުކާރުގެ ހުރިހާ މިނިސްޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް މާލީ ބަޔާން އާންމުކޮށްފައެވެ.