ނުގަވައިދުން ފެނަކައިގެ މުވައްޒަފުން ސަސްޕެންޑްކުރާކަަމަށް ދައްކަމުންގެންދާ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.

ފެނައިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ކުއްލިގޮތަކަށް ލިޔުން ފޮނުވައި ސަސްޕަންޑް ކުރަމުންދާކަމަށްބުނެ މީޑީއާތަކާއި އެކި ވަސީލަތްތަުގައި ހަގީގަތް އޮޅެ ފަދަ ގޮތަށް ލިޔުންތައް ޝާއިއުކުރަމުންގެންދާ ކަމަށެވެ.

ފެނަކައިން ބުނީ އެ ކުންފުނިން މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާނަމަ ސަސްޕެންޑްކޮށްފައިވަނީ ހިދުމަތް ދިނުމުގައި މުވައްޒަފު އިހުމާލުވެ ކުންފުންޏަށް ގެއްލުންވެ އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އިލްމާލުވެ ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އުޅޭކަމަށް ފެނިގެން ކަމަށެވެ.

އަދި އެ ފިޔަވަޅު އަޅާފައިވަނީ އެފަދަ މައްސަލަތަކުގައި އަމަލުކުރާނެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ބެހޭގޮތުން ގަވައިދުގައި ލިޔެފައިވާ ގޮތަށް ކަަމަށްވެސް ފެނަކައިން ބުންޏެވެ.

" މި ކުންފުންޏަކީ މުވައްޒިފުންގެ ވަޒީފާގެ ރައްކާތެރިކަމާއި އަދި މުވައްޒިފުންގެ ނަޒާހަތްތެރިކަން ފުރިހަމަގޮތުގައި ހޯދައިދިނުމަށް މަސައްކަތްކުރާނެ ކުންފުންޏެއް ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ." ފަނަކައިގެ ބަޔާނުގައި ވެއެވެ.