28 Jan 2019, 09:42
ރިޔާޟު (ޖެނުއަރީ 28): ސައުދީ އަރަބިއާއިން 2017 ވަނަ އަހަރު ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ކެމްޕެއިނުގައި ހައްޔަރު ކުރި ބިލިއަނަރު މުހައްމަދު އަލް އަމޫދީ ދޫކޮށްލައިފި އެވެ.
ސައުދީ އަރަބިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ރިކޯޑްކުރެވިފައިވާ އަލް އަމޫދީގެ އާއިލާއިން ވަނީ އޭނާ މިހާރު ޖިއްދާގައި ހުންނަ އޭނާގެ ގެޔަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުވެސް ވަނީ އަލް އަމޫދީ ދޫކޮށްލައިފި ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވިކަން ހާމަ ކުރައްވާފަ އެވެ.
އަލް އަމޫދީއަކީ ސައުދީ އަރަބިއާ އާއި އިތިއޯޕިއާގެ ރަށްވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓީ، ނޮވެމްބަރު 2017އިގައި ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ގިނަ އަދަދެއްގެ އަމީރުންނާއި ވިޔަފާރީވެރިންނާ އެކު ރިޓްޒް ކާލްޓަން ހޮޓެލްގަ އެވެ.
އަލް އަމޫދީ، މަޝްހޫރު ނަމުން ނަމަ "ޝައިހް" އަކީ ސައުދީގެ އިތުރުން އިތިއޯޕިއާގެ އިގްތިސާދުގައި ވެސް ބޮޑު ރޯލެއް އަދާކުރާާ މީހެކެވެ. އެގޮތުން އިތިއޯޕިއާގެ ދަނޑުވެރިކަމާއި އެސްޓްރޮލޮޖީ އަދި ހޮޓެލް އިންޑަސްޓްރީގައި ވެސް ޝައިހްގެ ވިޔަފާރީގެ ހިއްސާ ބޮޑެވެ.
އިތިއޯޕިއާގައި ޝައިހް އިންވެސްޓްކޮށްފައި ވަނީ ކިހާ ފައިސާއެއްކަމެއް ބުނަން ވެސް ނޭނގޭ ކަމަށް ހަބަރުތައް ބުނެ އެވެ. މަދުވެގެން 3.4 ބިލިއަން ޑޮލަރު އިތިއޯޕިއާގެ އިގްތިސާދަށް އޭނާ އިންވެސްޓްކޮށްފައިވާނެ ކަމަށާއި އެއީ އެ ގައުމުގެ ޖީޑީޕީގެ 4.7 ޕަސެންޓް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މިދިޔަ އަހަރު ފޯބްސް އިން ނެރުނު މުއްސަނދިންގެ ލިސްޓުގައިވާ ގޮތުން އަލް އަމޫދީގެ މިލްކިއްޔާތު 10.9 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް މިމަހު ފޯބްސްގެ ލިސްޓުގައިވާ ގޮތުން އަލް އަމޫދީގެ މިލްކިއްޔާތުގައި ހުރި ކަމަށް ލަފާ ކުރެވެނީ 1.2 ބިލިއަން ޑޮލަރެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު ފެއްޓެވި މަސައްކަތްތަކުގެ ދަށުން ހައްޔަރު ކުރި 200 އަށް ވުރެ ގިނަ މީހުން ދޫކޮށްލީ ސަރުކާރަށް ފައިސާ ދެއްކުމުންނެވެ.
އެގޮތުން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ސައުދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އާއި ޕްރިންސް މުތައިބް ބިން އަބްދުﷲ ހިމެނެ އެވެ. ޕްރިންސް މުތައިބް ދޫކޮށްލީ އެއް ބިލިއަން ޑޮލަރު ދެއްކުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.