ޜޭ ސްޕެނިޝް ލީގުގައި އެސްޕަންޔޯލް ކައިރިން ރެއާލް މޮޅުވި އިރު ވާދަވެރި ބާސެލޯނާ ، ޖިރޯނާގެ މައްޗަށް ކުރި ހޯދާ ތާވަލުގެ އެއް ވަނައިގަ ހަމަ ޖެހިލައިފިއެވެ.

ބާސެލޯނާ ރޭ ކުޅުނު މެޗުން މޮޅުވެ އެ ޓީމުން ވަނީ ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ގާއިމް ކޮށްފައެވެ. ޖިރޯނާގެ ދަނޑުގައި ކުޅުނު އެ މެޗު ވެގެން ދިޔައީ ބާސެލޯނާއަށް އުނދަގޫ މެޗަކަށެވެ. ނަމަވެސް މެސީގެ އެނބުރި އައުމަކާ އެކު ބާސެލޯނާއަށް ތަފާތު ދައްކައިދީ އެ މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ / ޑޮމް ފެރަލް

މެޗު ގެ ނުވަވަނަ މިނެޓުގައި ޕޯޗުގަލް ގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ ވަނީ ބާސެލޯނާއަށް ގޯލެއް ޖަހައިދީ ލީޑު ނަގާފައެވެ. ނަމަވެސް މި ގޯލަށް ފަހު ޖިރޯނާގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާ ތަކެއް އުފެއްދިއެވެ. އެގޮތުން ޖިރޯނާގެ ފޯވާޑު ކުރިސްއަން ސުޓުއާނީއަށް ގޯލު ޖަހަން މުޅިން ހުސް ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ބާސެލޯނާގެ ކީޕަރު މާކް އަންޑާރ ސްޓެގަން ގެ ހުޝިޔާރު ކަމުން ބާސެލޯނާގެ ގޯލު ހުރީ "ތަޅު އަޅުވާފަ" އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޖިރޯނާއިން ދެއްކީ ކުޅުމުގެ ޕޮސެސަން އަށް ބަލާއިރު ބާސެލޯނާއަށް ވުރެން މޮޅު ކުޅުމެކެވެ. ނަމަވެސް އެ ޓީމުގެ ބާނާޑޯ އެސްޕިނޯސާއަށް ދެއްކި ރަތް ކާޑާ އެކު ޓީމުގެ ކުޅުމަށް ބަދަލު ގެންނަން ޖެހުނެވެ.

ކުޅުންތެރިންތެރިއަކު މަދުކޮށް ނަމަވެސް ހިތްވަރާ އެކު ކުޅެމުން ދިޔަ ޖިރޯނާގެ އުންމީދުތައް ފުނޑު ކޮަށްލީ މެޗުގެ 68 ވަނަ މިނަޓުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ގޯލާއެކުއެވެ. ޖޯޑީ އަލްބާ ގެ ޕާސް އަކުން މެސީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު ބޯ މަތިން ޗިޕެއް ޖަހާފައެވެ. މެސީ ވަނީ ސްޕެނިޝް ލީގުގެ އެންމެ ފަހުން ކުޅުން ހަތް މެޗުގައި ވެސް ގޯލް ޖަހާފައެވެ. އަދި އޭނާ އަކީ މިވަގުތު ސްޕެނިޝް ލީގުގެ އިތުރުން ޔޫރަޕުގެ ގަދަ ފަސް ލީގުގެ ވެސް ޓޮޕް ސުކޯރާއެވެ.

މީގެ އިތުރުން ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އާއި އެސްޕަންޔޯލް ބައްދަލު ކުރި މެޗު 2-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑްއެވެ. އެ މޮޅާ އެކު ރެއާލުން ތާވަލުގެ ތިން ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ވަނީ ނަގާފައެވެ.

ލީގުގެ ކުރީ ކޮޅުގައި ގިނަ މެޗުތަކުން ބަލިވެ ތާވަލުގެ ފަހަތަށް ޖެހުނު ނަމަވެސް މިހާރު ރެއާލް މެޑްރިޑް އޮތީ ރަނގަޅު ފޯމެއްގައެވެ. ފަހަކަށް އައިސް ކުޅުނު ހުރިހާ މެޗަކުން ކަހަލަ ގޮތަކަށް ރެއާލް އަންނަނީ މޮޅު ވަމުންނެވެ.

މެޗުގެ ފުރަތަމަ ހަތަރުވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ވޭތުވެ ދިޔަ ދެ، ތިން ސީޒަނުގައި މަދުން ގޯލު ޖަހާފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވެފައިވާ ކަރިމް ބެންޒީމާއެވެ. ބެންޒީމާ ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއް ޖަހައިދީފައެވެ.

ރެއާލް މެޑްރިޑް ގޯލު ޖެހުމަށް ފަހު އުފާ ފާލުކުރުމުގެ ތެރެއިން -- ފޮޓޯ / ޑޮމް ފެރަލް

ފުރަތަމަ ގޯލަށް ފަހު އެސްޕަންޔޯލަށް ހިންދަމާ ނުލެވި އުޅެނިކޮށް ރެއާލް ގެ ކެޕްޓަން ސާޖިއޯ ރަމޯސް ވަނީ ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް އޭނަ ވަނީ ރޭގެ މެޗުގައި އަނިޔާވެ ބަދަލު ކޮށްފައެވެ. އެސްޕަންޔޯލް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއްް ޖަހައި މޮޅުވުމުގެ އުންމީދު ކުރި ނަމަވެސް ދެވަނަ ހާފުގައި ރެއާލުން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ.

މެޗުގެ 72 ވަނަ މިނަޓުގައި ރެއާލް ގެ ޑިފެންޑަރު ރަފައެލް ވެރޭން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މި އާއި އެކު ރެއާލްގެ ޑިފެންސަށް ވަރަށް ބާރުބޮޑުވިއެވެ. އަދި މެޗު ނިމުމުގެ ކުރިން އެސްޕަންޔޯލުން ވަނީ ގޯލެއް ޖަހާފައެވެ.

ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ ދެން އޮތް އަމާޒަކީ މިހަފްތާގައި ކުޅޭ ކޮޕަޑެލްރޭގެ ދެ ވަނަ ލެގު ކާމިޔާބުކޮށް އެ މުބާރާތުގެ ސެމީއަށް ދަތުރު ކުރުމެވެ.