ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ރާއްޖޭގައި ހިނގާފައި ވާތީ އެކަމުގެ ކަންބޮޑުވުން ހޯމް މިނިސްޓަރު ޝެއިހް އިމްރާންއާ ބައްދަލުކޮށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިއްސާކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި އެ ބާވަތުގެ ގިނަ ހާދިސާތައް ހިނގައިފައިވާ ކަމަށާއި އަދި ބައެއް ހާދިސާތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ.

ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް އެއް ވާޖިބު ކަންފާހަގަކޮށް އެ ފަދަ މައްސަލަތައް ތަޙުގީގުކޮށް އިންސާފު ލިބިގެން ދިޔުމަކީ މިނިސްޓްރީގެ ވެސް މަޞްލަޙަތުގައި ހިމެނޭ ކަމެއް ކަން މިނިސްޓަރު ޝިދާތާ ވިދާޅުވި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓަރާއި ޖެންޑާ މިނިސްޓަރު މިއަދު ބައްދަލު ކުރައްވަނީ --- ފޮޓޯ: ޖެންޑާ

ގޭންގް ކުށްތަކުގައި އެކި ފަރާތްތަކުން ކުޑަކުދިން ޝާމިލުކުރާ ކަމަށް ވިދާޅުވެ، އެ ފަދަ ކުށްތަކުން ކުޑަކުދިން ރައްކައުތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ޝިދާތާ މަޝްވަރާކުރެއްވި އެވެ.

މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ޢިމްރާން ދެއްވި ކަމަށް ޖެންޑާއިން ބުނެ އެވެ. އަދި ކުރިމަގުގައި، އެ ފަދަ ހާދިސާތައް މަދުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

މިމަސް ތެރޭގައި ވަނީ ރާއްޖޭގައި ގާތް ގާތުގައި ކުއްލި ގިނަ މަރުތަކެއް ވެސް ހިނގައިފަ އެވެ. އަދި އެކްސިޑެންޓްތައް ވެސް ގިނަވެފައިވާ އިރު މާރާމާރީގެ ރިޕޯޓްތަކެއް ވެސް ވަނީ ހުށަހެޅިފަ އެވެ.