ކައުންސިލަރުންނާ މެދު އަޅާފައިވާ ނުހައްގު ފިޔަވަޅުތައް މުރާޖާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ކައުންސިލަރުންގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައިސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވުމަށް ފަހު، އެލްޖީއޭގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލަރުންނާ މެދު އަޅާފައިވާ ނުހައްގު ފިޔަވަޅުތައް މުރާޖާ ކުރަން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ކައުންސިލަރުންނަށް އިންސާފު ލިބިގެން ދާނެ ކަމަށެވެ.

"އިންޝާﷲ، ދާދި އަވަހަށް އެ މައްސަލަތައް ނިމި، އިންސާފު ގައިމުވެގެން ދާނެ،" ޝެއިޚް އިމްރާން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ކައުންސިލަރުންނާ މެދު ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީން ކަން ވެސް އިމްރާން ދެއްވި އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކައުންސިލަރުން ސަސްޕެންޑްކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތަކަކީ ނުހައްގުން ސިޔާސީ ކުލަ ޖެހިގެން އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށް އޭރުގެ އިދިކޮޅު ޕާޓީ ތަކުން ތުހުމަތު ކުރެއެވެ.