އދ. މަޖިލިސް (ޖަނަވަރީ 29) : ދުނިޔޭގެ އަށް ގައުމެއްގައި ކާބޯތަކެތި އަމިއްލައަށް ހޯދުމުގެ ގާބިލްކަންނެތް 56 މިލިޔަން މީހުން އެބަތިބި ކަމަށް އދ. ން ބުނެފިއެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމާއި ކާބޯތަކެއްޗާ އަދި ދަނޑުވެރިކަމާ ބެހޭ އދ. ގެ ޖަމްއިއްޔާ (އެފްއޯއޭ) އިން ބުނީ އަފްޣާނިސްތާން، ސޫރިޔާ، ޔަމަން، ދެކުނު ސޫދާން، ސޮމާލިޔާ، ޗާޑް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މި ގައުމުތަކުގައި 56 މިލިޔަން މީހުން ކާބޯތަކެތީގެ އަވަސް އެހީ ބޭނުންވެފައި އެބަތިބި ކަމުގައެވެ. މި ދެ މުއައްސަސާ ގުޅިގެން ކުރި ދިރާސާއަކަށްފަހު ނެރުނު ރިޕޯޓްގައި އެ 56 މިލިޔަން މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަކީ އެކިލެވެލްތަކުގައި ހައިހޫނުކަން ތަހައްމަލް ކުރާމީހުން ކަމަށް ބުނެފައިވެއެވެ.

މީގެތެރެއިންވެސް ހައިހޫނުކަން ތަހައްމަލްކުރާ މީހުން އެންމެ ގިނައީ ޔަމަން އާއި ދެކުނު ސޫދާނާއި ސޯމާލިޔާއާއި ސޫރިޔާގައިކަން ބަޔާންކޮށްފައިވެއެވެ. މި ރިޕޯޓްގައި އިންސާނީ ހާލަތު މިހާރު އެންމެ ގޯސްކަމަށް ބުނެފައިވަނީ ޔަމަންގައެވެ.

ޔަމަންގެ އެކެހަރި ސަރަހައްދުތަކުގައި ހައިހޫނުކަމުގެ ސަބަބުން ކުޑަކުދިން މަރުވާކަމަށް ބުނެފައިވެއެވެ. އަދި ކާބޯތަކެތީގެ އަވަސް އެހީއަށް ބޭނުންވެފައިވާ މީހުން ދެވަނައަށް އެންމެ ގިނައީ ކޮންގޯގައި ކަން ފާހަގަކޮށްފައިވެއެވެ.

ކާބޯތަކެތި އަމިއްލައަށް ހޯދުމުގެ ގާބިލްކަން މީހުންގެ ކިބައިން ގެއްލެނީ ހަނގުރާމަތަކާއި ގުދްރަތީ ކާރިސާތަކުގެ ސަބަބުންނާއި ހަނަފަސްކަމުގެ ސަބަބުންކަން ބަޔާންކޮށްފައިވެއެވެ.

އަމިއްލައަށް ކާބޯތަކެތި ހޯދުމުގެ ގާބިލްކަންނެތް 56 މިލިޔަން މީހުން ނިސްބަތްވާ 8 ގައުމުގެ ތެރެއިން 7 ގައުމަކީ ހަނގުރާމަ ހިނގާ ގައުމުތަކެވެ. މީގެއިތުރުން ސޯމާލިޔާއާއި އަފްޣާނިސްތާނާއި ޗާޑް އަކީ ހަނަފަސްކަމުގެ މައްސަލަވެސް ކުރިމަތިވެފައިވާ ތިން ގައުމެވެ. (ނޫސްއެޖެންސީތައް)