މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޓްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.22 ރުފިޔާ ބަހަން އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުން ލަފާ ދީފިއެވެ.

އުރީދޫ މޯލްޑިވްސްއިން ނިންމާފައިވަނީ އެކުންފުންޏަށް ލިބުނު ސާފު ފައިދާގެ 88 ޕަސެންޓު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިއަދު ބޭއްވި ބޯޑު ޑިރެކްޓަރުނގެ ބައްދަލުވުމުގައި ނިންމި މިންވަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމައިދިނުން އެދި މި އަހަރު ބާއްވާ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހަޅާނެ ކަމަށެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް 15 ފެބްރުއަރީ ގެ ކުރިން އާންމު ކުރާނެ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ވަނީ މިދިޔަ އަހަރު ހިއްސާއަކަށް 3.20 ރުފިޔާ ބަހައިފައެވެ. އެއީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 85 ޕަސެންޓެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.