ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްއާއި ރަޖިސްޓްރާގެ މަގާމަށް ދެ ބޭފުޅަކު ކަނޑައަޅައިފިއެވެ.

ކޮންގްރެސް ޕާޓީގެ ސެކެޓްރީގެ މަގާމަށް ހަމަޖެއްސެވީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ އެންމެ ފުރަތަމަ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލް އެވެ. އޭނާއަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަންވެސް ކޮށްފައިވާ ބޭފުޅެކެވެ.

ކޮންގްރެސް ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި ގީލާ އަލީ އެވެ. ގީލާ މީގެ ކުރިން ވަނީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކޮށްފައެވެ. ގީލާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެމްބަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، މި ދެބޭފުޅުން އެ ދެ މަގާމަށް ހަމަޖައްސައިފައިވަނީ އެޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކަމަށެވެ.

ސިޔާސީ ޕާޓީ ރަޖިސްޓްރި ކުރުމަަށް ބާއްވާ ޖަލްސާ ކޮންގްރެސް ޕާޓީން ބޭއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ޖަލްސާގައި ވަނީ އެޕާޓީގެ ވަގުތީ ރައީސްއާއި ނައިބު ރައީސުން އަދި ވަގުތީ ހިންގާ ކޮމެޓީއެއް އިންތިހާބު ކޮށްފައެވެ.